ދީން / ކޮލަމް

ޢީދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކާ ދިމާވުން، ދެން ކަންކުރާނީ ކިހިނެއް

ޢީދު ދުވަހާއި ހުކުރު ދުވަސް އެއްދުވަހަކާ ދިމާވުން، ދެން ކަންކުރާނީ ކިހިނެއް

ނަމާދުގެ ޖަމާޢަތް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މާރިޗު 2026، 11:14

18 މާރިޗު 2026، 11:14

ޢީދު ދުވަސް ހުކުރު ދުވަހަކާ ދިމާވާ ކޮންމެ ފަހަރަކު ސުވާލުތަކެއް އުފެދެއެވެ. ހެނދުނު ކުރާ ޢީދު ނަމާދާއި މެންދުރުފަހު ކުރާ ހުކުރު ނަމާދު، މި ދެ ނަމާދުވެސް ކުރުން ވާޖިބުތޯ ގިނަ ބަޔަކު ސުވާލުކުރެއެވެ.

އެންމެ ފުރަތަމަ ކަމަކަށް، މި ދެ މުނާސަބަތަކީވެސް އިސްލާމީ އެންމެ މުހިންމު ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ދެ ކަންތައްކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހެއެވެ. މި ދެ ނަމާދާއި ޖަމާޢަތުގައި ބައިވެރިވުމަކީ ވަރަށް މަތިވެރި ސަވާބު ލިބޭ ކަމެކެވެ. މީހެއްގެ ވިސްނުން ހުންނަންވާނީ މި ދެ ނަމާދުގައިވެސް ބައިވެރިވުމަށް ފަރުވާތެރިވުމަށެވެ. އެއީ ﷲގެ ޝިޢާރުތަކަށް މަތިވެރިކޮށް ހިތުމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

 ﷲ ވަޙީކުރައްވާފައިވެއެވެ. وَمَن يُعَظِّمْ شَعَـٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقْوَى ٱلْقُلُوبِ މާނައީ: "އަދި ﷲގެ ޝިޢާރުތަކަށް މަތިވެރިކޮށް ހިތާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެކަންވަނީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންނެވެ."

އެހެންކަމުން، ޙަނަފީ އަދި މާލިކީ މަޛްހަބުގެ ޢިލްމުވެރިން ހިމެނޭހެން ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މި ދެ ނަމާދުގައި ބައިވެރިވުމަކީ ވާޖިބު ކަމެކެވެ. ޝާފިޢީ މަޛްހަބުގައި، ހުކުރު ނަމާދު ކުރާ ރަށާ ދުރުގައި ދިރިއުޅޭ މީހުންނަށް، ޢީދު ނަމާދުގައި ބައިވެރިވުމަށްފަހު ހުކުރު ނަމާދަށް ނައުމުގެ އުޒުރެއް ދީފައިވެއެވެ. އެއީ އަލުން ހުކުރު ނަމާދަށް އައުމުގައި އެމީހުންނަށް ކުރިމަތިވެދާނެ ދަތިތަކަށްޓަކައެވެ.

 މި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުކުރު ނަމާދުގައި ބައިވެރިވުމަކީ އިޖުމާޢުން ވާޖިބު ކަމެކެވެ. އެއީ ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نުودِىَ لِلصَّلَوٰةِ مِن يَوْمِ ٱلْجُمُعَةِ فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ وَذَرُوا۟ ٱلْبَيْعَ ۚ ذَٰلِكُمْ خَيْرٌۭ لَّكُمْ إِن كُنتُمْ تَعْلَمُونَ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު، ﷲ ހަނދުމަކުރުމަށް (އެބަހީ: ހުކުރު ނަމާދަށް) ތިޔަބައިމީހުން އަވަހަށްދާށެވެ! އަދި ވިޔަފާރިކުރުން ދޫކޮށްލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." 

 ޢިލްމުވެރިން ވިދާޅުވެފައިވަނީ، ކަނޑައެޅިގެން އެނގެން އޮތް މި ވާޖިބު ކަމެއް ދޫކޮށްލެވޭނީ ހަމަ އެ ފެންވަރުގެ އިތުރު ދަލީލެއް އޮވެގެން ކަމަށެވެ. އަދި މި ވާޖިބު ދޫކޮށްލުމަށް ދައްކާ ގިނަ ދަލީލުތަކަކީ އެކަމަށް ފުދޭވަރުގެ ވަރުގަދަ ދަލީލުތަކެއް ނޫނެވެ. މީގެ އިތުރުން، އައްނުޢުމާން ބިން ބަޝީރުގެ ކިބައިން ރިވާވެގެންވެއެވެ. "ﷲގެ ރަސޫލާ (ﷺ) ހުކުރު ދުވަހާއި ޢީދު ދުވަހު 'سَبِّحِ اسْمَ رَبِّكَ الْأَعْلَى' އާއި 'هَلْ أَتَاكَ حَدِيثُ الْغَاشِيَةِ' ކިޔަވައިވިދާޅުވެއެވެ. އަދި ހުކުރު ދުވަހާއި ޢީދު ދުވަސް އެއްދުވަހަކާ ދިމާވެއްޖެނަމަ، އެ ދެ ނަމާދުގައިވެސް އެ ދެ ސޫރަތް ކިޔަވައިވިދާޅުވެއެވެ."

މިފަދަ ކަމެއް ޢުޘްމާން ބިން ޢައްފާންގެ ޒަމާނުގައިވެސް ހިނގާފައިވެއެވެ. ބުޚާރީ އަދި މުވައްޠާ މާލިކްގައި އިބްނު އަޒްހަރުގެ މިނިވަންކުރެވިފައިވާ އަޅެއް ކަމުގައިވާ އަބޫ ޢުބައިދު ވިދާޅުވެފައިވާ ގޮތުގައި: "ތިމަންކަލޭގެފާނު ޢުޘްމާން ބިން ޢައްފާންގެ އަރިހުގައި ދެ ޢީދު (އެއްދުވަހަކާ ދިމާވި ދުވަހު) ބައިވެރިވީމެވެ. އެއީ ހުކުރު ދުވަހެކެވެ. އެކަލޭގެފާނު ޚުޠުބާގެ ކުރިން (ޢީދު) ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޚުޠުބާ ދެއްވަމުން ވިދާޅުވިއެވެ: 'އޭ މީސްތަކުންނޭވެ! މިއަދު ތިޔަބައިމީހުންނަށް ދެ ޢީދު އެކުގައި އަތުވެއްޖެއެވެ. ފަހެ، އަލްޢަވާލީގެ އަހުލުވެރިންގެ ތެރެއިން ހުކުރަށް މަޑުކުރަން ބޭނުން މީހަކު މަޑުކުރާށެވެ. އަދި އެނބުރި ދާން ބޭނުން މީހަކަށް ތިމަންކަލޭގެފާނު އެކަމުގެ ހުއްދަ ދީފީމެވެ.'

 ނަމަވެސް، ޙަންބަލީ މަޛްހަބުގެ ރަސްމީ ރައުޔަކީ ދެ ނަމާދުން ކުރެ އެއް ނަމާދުގައި ބައިވެރިވުން ފުދޭނެ ކަމަށެވެ.މި ރައުޔަށް ބާރުދޭ ގިނަ ހެކިތަކެއް އެބޭފުޅުން ދައްކަވަ އެވެ. އޭގެ ތެރޭގައި: I ޒައިދު ބިން އަރުޤަމް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނުގެ އަރިހުން މުޢާވިޔާ ބިން އަބީ ސުފްޔާން (ރަޙިމަހުﷲ) ސުވާލުކުރެއްވިއެވެ.

 "ރަސޫލުﷲ (ﷺ) އާއެކު، އެއް ދުވަހެއްގައި ދެ ޢީދު (ޢީދަކާއި ހުކުރެއް) ދިމާވި ދުވަހަކު ތިބާ ހާޒިރުވީމު ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ. "އާނއެކެވެ." މުޢާވިޔާ ބިން އަބީ ސުފްޔާން ސުވާލުކުރެއްވިއެވެ. "އެކަލޭގެފާނު ކަންތައް ކުރެއްވީ ކިހިނެއް ހެއްޔެވެ؟" ޒައިދު ބިން އަރުޤަމް ޖަވާބު ދެއްވިއެވެ. "އެކަލޭގެފާނު (ﷺ) ޢީދު ނަމާދު ކުރެއްވިއެވެ. އެއަށްފަހު ހުކުރު ނަމާދަށް ނައިސް މަޑުކޮށްލުމުގެ ލުޔެއް (ރުޚްޞާއެއް) ދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ: 'ނަމާދު (ހުކުރު ނަމާދު) ކުރަން ބޭނުންވާ މީހަކު، އެ ނަމާދު ކުރާށެވެ. މި ޙަދީޘް ރިވާކުރެއްވީ އަޙްމަދު، އަބޫ ދާވޫދު، އައްނަސާއީ، އިބްނު މާޖާ، އައްދާރިމީ އަދި އަލްޙާކިމް އެކަލޭގެފާނުގެ މުސްތަދްރަކްގައެވެ. 

އަލްޙާކިމް ވިދާޅުވިއެވެ. "މި ޙަދީޘްގެ އިސްނާދުތަކަކީ ޞަޙީޙް އިސްނާދުތަކެކެވެ. އެބޭފުޅުން (ބުޚާރީ އާއި މުސްލިމް) މި ޙަދީޘް ރިވާނުކުރެއްވި ކަމުގައި ވިޔަސްމެއެވެ. އަދި މުސްލިމްގެ ޝަރުޠުތަކާ އެއްގޮތްވާ، މި ޙަދީޘަށް ބާރުދޭ ރިވާޔަތެއްވެއެވެ. އަދި އައްޛަހަބީ ވެސް އެކަލޭގެފާނާ އެއްބަސްވެލެއްވިއެވެ." އައްނަވަވީ 'އަލްމަޖްމޫޢު' ގައި ވިދާޅުވެފައިވެއެވެ. "މީގެ އިސްނާދަކީ ޖައްޔިދު (ރަނގަޅު) އިސްނާދެކެވެ." 

 މަތީގައި ބަޔާންކުރެވުނު، ބާރުދޭ ހެއްކަކީ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. ރަސޫލުﷲ (ﷺ) ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދެއް އެއްވެއްޖެއެވެ. ފަހެ، ބޭނުން މީހަކަށް، އެ (ޢީދު ނަމާދު) ހުކުރު ނަމާދުގެ ބަދަލުގައި ފުދޭނެއެވެ. އެހެނަސް ތިމަންމެން ހުކުރު ކުރާނަމެވެ." 

 އިބްނު ޢުމަރު (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ (ﷺ) ގެ ޒަމާނުގައި ދެ ޢީދެއް އެއް ދުވަހަކާ ދިމާވިއެވެ. އެކަލޭގެފާނު މީސްތަކުންނާއިގެން (ޢީދު) ނަމާދު ކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. 'ހުކުރަށް އަންނަން ބޭނުން މީހަކު އަންނާށެވެ. އަދި ނައިސް މަޑުކުރަން ބޭނުން މީހަކު މަޑުކުރާށެވެ.'

އަލްޠަބަރާނީ 'އަލްމުޢުޖަމް އަލްކަބީރު' ގައި މިފަދައިން ރިވާކުރައްވާފައިވެއެވެ. "ރަސޫލުﷲ (ﷺ) ގެ ޒަމާނުގައި ދެ ޢީދެއް އެއް ދުވަހަކާ ދިމާވިއެވެ: އެއީ ފިޠުރު ޢީދާއި ހުކުރު ދުވަހެވެ. ރަސޫލުﷲ (ﷺ) އެބޭކަލުންނާއިގެން ޢީދު ނަމާދު ކުރެއްވިއެވެ. އެއަށްފަހު އެބޭކަލުންނާ ކުރިމަތިލައްވައި ޙަދީޘް ކުރެއްވިއެވެ. 'އޭ މީސްތަކުންނޭވެ، ތިޔަބައިމީހުންނަށް ހެޔޮކަމާއި ދަރުމަ ލިބިއްޖެއެވެ. އެހެނަސް ތިމަންމެން ހުކުރު ކުރާނަމެވެ. ފަހެ، ހުކުރު ކުރަން ބޭނުން މީހަކު ހުކުރު ކުރާށެވެ. އަދި އެނބުރި ދާން ބޭނުން މީހަކު އެނބުރި ދާށެވެ.'

 އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. ރަސޫލުﷲ (ﷺ) ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދެއް އެއްވެއްޖެއެވެ. ފަހެ، ބޭނުން މީހަކަށް، އެ (ޢީދު ނަމާދު) ހުކުރު ނަމާދުގެ ބަދަލުގައި ފުދޭނެއެވެ. އެހެނަސް އިރާދަކުރެއްވިއްޔާ ތިމަންމެން ހުކުރު ކުރާނަމެވެ."

ޢިލްމުވެރިންގެ މެދުގައިވާ މި ބަޙުޘް މިވަގުތުން ވަގުތަށް ނިންމާލެވެން ނެތުމާއެކު، މުސްލިމުންނަށް އަޅުގަނޑުމެން ދޭ ނަޞޭޙަތަކީ މިއެވެ.

 1. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ދެ ނަމާދަށްވެސް ހާޒިރުވުމަކީ އެންމެ ރައްކާތެރި އަދި އެއް ނަމާދު ދޫކޮށްލުމަށްވުރެ މާ މާތްވެގެންވާ ގޮތެވެ.

 2. ޢީދު ނަމާދަށް ހާޒިރުވާން ޖެހޭ ހާލަތުގައި ހުރެ، އެއްވެސް ސަބަބަކާހުރެ ޢީދު ނަމާދަށް ހާޒިރުނުވާ މީހާ، ބައެއް ޢިލްމުވެރިން ދެއްވާފައިވާ އެ ލުއިގެ ތެރެއަކަށް ނުވަދެއެވެ. އެހެންކަމުން އޭނާ ހުކުރު ނަމާދަށް ހާޒިރުވުން ލާޒިމެވެ.

 3. ހުކުރު ކުރާ މިސްކިތުގެ އިމާމު ހުކުރު ނަމާދު ޤާއިމުކުރަންވާނެއެވެ. މިއީ ދެ ނަމާދަށް ހާޒިރުވުން ވާޖިބު ނޫންކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ.

 4. މިސްކިތާ ދުރުގައި ދިރިއުޅޭ، އަދި ޢީދު ނަމާދަށް އައުމަށް ދިގު ދަތުރެއް ކުރަންޖެހޭ މީހުންނަށް، ހުކުރު ނަމާދަށް މަޑުކުރުމަކީ ވަރަށް ބޮޑު އުނދަގުލަކަށް ވާނަމަ، ހުކުރު ނަމާދަށް ހާޒިރުނުވުމުގެ ލުއި އެފަދަ މީހުންނަށް ލިބިގެންވެއެވެ.

ނަމަވެސް، މެންދުރު ވަގުތު ވަނުމުން އޭނާ މެންދުރު ނަމާދު ކުރަންވާނެއެވެ. ޢީދު ނަމާދުގައި ބައިވެރިވި މީހާގެ ކިބައިން އެދުވަހުގެ ހުކުރު ނަމާދާއި މެންދުރު ނަމާދުވެސް ކެނޑިގެންދާނެ ކަމަށް ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫނެވެ.

އެހެންކަމުން، ޢިލްމުވެރިން އެ ބުނުން ރައްދުކުރައްވައި، އެއީ ކުށް ބުނުމެއް ކަމަށާއި ޝާޛު (އާދަޔާ ޚިލާފު) ބުނުމެއް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެއީ އެ ބުނުމަކީ ސުންނަތާ ޚިލާފު ބުނުމަކަށް ވުމާއި، އަދި އެއްވެސް ދަލީލެއް ނެތި ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާ ކަމެއް އުނިވެގެންދާ ކަމަށް އެ ބުނުމުން ދޭހަވާތީއެވެ.

ފަހަރުގައި، ޢީދު ނަމާދު ކުރި މީހާއަށް ހުކުރަށް ނުގޮސް ހުރުމުގެ ލުއި ދިން ނަމަވެސް މެންދުރު ނަމާދު ކުރަންޖެހޭނެ ކަމަށް އައިސްފައިވާ ސުންނަތްތަކާއި ރިވާޔަތްތައް އެ ބުނުން ބުނި މީހާއާ ހަމައަށް ފޯރާފައި ނުވަނީ ކަމަށް ވެދާނެއެވެ. މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450