ޚަބަރު
ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ: 77 މީހަކަށް ވަގުތީ ހިޔާ ފޯރުކޮށްދީފި
ޕްރައިމް ގުދަނުގެ އަލިފާނުގެ ހާދިސާ. ފޮޓޯ:އެންޑީއެމްއޭ
މާފަންނުގައި ހުރި "ޕްރައިމް ގޯޑައުން" ގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެދޮރުން ނުކުންނަން ޖެހުނު މީހުންގެ ތެރެއިން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޒުއްދީން މަގާއި ފުލޫނިޔާ މަގު ގުޅުނު ކަންމަތީގައި ހުރި ގުދަނެއްގައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް ސެންޓަރުގައި ގާއިމުކުރި އިވެކުއޭޝަން ސެންޓަރުގައި ރޭގެ ދަންވަރު 2:30 އާ ހަމައަށް 15 ގެއަކުން ޖުމްލަ 454 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ. އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި މި މީހުންގެ ތެރެއިން 302 މީހުންނަކީ ބިދޭސީންނެވެ. މި ގެތަކުން މީހުން ހުސްކުރަން ޖެހުނީ އަލިފާނުގެ ސަބަބުން އުފެދުނު ބޯދުމުގެ އަސަރު އެ ސަރަހައްދަށް ވަރަށް ބޮޑަށް ކުރުމާ ގުޅިގެންނެވެ.
ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 77 މީހުންނަކީ 10 ގެއަކަށް ނިސްބަތްވާ ފަރާތްތަކެވެ. މީގެ ތެރެއިން ބައެއް އާއިލާތައް އަމިއްލައަށް އާއިލީ ގޭގެއަށް ބަދަލުވެފައިވާއިރު، 280 ބިދޭސީންނާ އެ ފަރާތްތަކުގެ ވެރިފަރާތުން ވަނީ ހަވާލުވެފައެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން 7 މީހަކަށް ފަރުވާދީފައިވާއިރު، އެންމެންގެ ހާލުވެސް ސްޓޭބަލް ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި މި ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭގަނޑު 11:00 ޖަހާކަށްހާއިރުއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ އިތުރުން އެމްއޭސީއެލްގެ ފަޔަރ ފައިޓަރުންވެސް ހަރަކާތްތެރިވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ގުދަނަކީ ކެމިކަލް ރައްކާކުރާ ތަނެކެވެ.
މި ހާދިސާގައި ގުދަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ގުދަން ކައިރީގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މިހާރު ސޯޝަލް ސެންޓަރުގައި ހުޅުވި އިވެކުއޭޝަން ސެންޓަރު ބަންދުކޮށްފައިވާއިރު، އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭގެ ހޮޓްލައިން 115 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.