ޚަބަރު
މިއީ ހަމަ ހަޤީޤަތުގައި ވެސް ޢީދު ދުވަހު ރައީސް ދެއްވި ސަރޕްރައިޒްއެއް: މާވަށު ކައުންސިލްގެ ރައީސް
މާވަށުގައި ބަހައްޓާފައިވާ ދެ އޭޓީއެމް---
ފަރުދުން
20 މާރިޗު 2026، 10:04
20 މާރިޗު 2026، 10:04
އެމެރިކާ ޑޮލަރުން މުޢާމަލާތް ކުރެވޭނެ އޭޓީއެމްއެއް ލ. މާވަށަށް މިއަދު ގެންގޮސްފައިވާ ކަމަށާއި، އެއީ ހަމަހަޤީޤަތުގައި ވެސް ފިޠުރު ޢީދާ ދިމާކޮށް އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވި "ސަރޕްރައިޒް" އެއްކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވެއްޖެއެވެ.
"ފަރުދުން"އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އަޙުމަދު މޫސާ ވިދާޅުވީ، މި އޭޓީއެމްއަކީ އެ ރަށުގައި ޤާއިމްކުރަމުންދާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަށް އިތުރުކުރެވުނު ބޮޅެއް ކަމުގައެވެ.
މިއީ ހަމަ ހަޤީޤަތުގައި ވެސް ރައީސް ދެއްވި ސަރޕްރައިޒް އެއް. މިއަދު މި އޭޓީއެމް ލިބޭކަމެއް ކުރިއަކުން އަޅުގަނޑުމެނަށް އެނގިފައެއް ނެތް.
މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ
އަޙުމަދު މޫސާ ވިދާޅުވީ، މާވަށުގައި ކުރިޔަށްދާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެ ބޭންކުގެ ޚިދުމަތާއެކު ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ލިބެން ފަށާނެކަމަށެވެ.
މި މަސައްކަތުގެ އިތުރުން، އެ ރަށުގައި ދަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވެމުންކަމަށް ވިދާޅުވެ އަޙުމަދު މޫސާ ހާމަކުރެއްވި ގޮތުގައި، ރައީސް މާވަށަށް ވެދެއްވި ހުރިހާ ވަޢުދެއް ދަނީ ރަނުންރަނަށް ފުއްދަވަމުންނެވެ.
އަދި އެ ކަންކަމުގެ ސިއްރަކީ، މާވަށުގެ ރައްޔިތުންނާ ދޭތެރޭ ރައީސް ބަހައްޓަވާ ގާތްކަން ކަމުގައި ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
ލ .މާވަށުގައި ޤާއިމްކުރަމުންދާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެ ރަށަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިންނެވެ.
މާވަށުގެ އިތުރުން ވެސް، ބީއެމްއެލްއިން ގިނަ ރަށްތަކެއްގައި އެ ބޭންކުގެ ބްރާންޗުތައް ޤާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ރައީސްގެ އިސްނެންގެވުމުގެ މަތިން ރައްޔިތުންނަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.