ދުނިޔެ

ޖަޕާނުގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން ނިންމައިފި

ޖަޕާނުގެ އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދޭން އީރާނުން ނިންމައިފި

ހޮރްމޫޒް ކަނޑުއޮޅީގެ ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މާރިޗު 2026، 04:18

21 މާރިޗު 2026، 04:18

ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޯރްމުޒް ކަނޑުއޮޅިން ޖަޕާނުގެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމަށް އީރާނުން ބުނެފިއެވެ.

މިއީ އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތައް ބަންދުކުރުމުގައި އީރާނުން ގެންގުޅޭ ހަރުކަށި އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ޖަޕާނުގެ ކިޔޯޑޯ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުން ކަނޑުއޮޅި ބަންދުނުކުރާ ކަމަށާއި، އެތަން ބަންދުވަނީ ހަމައެކަނި އީރާނަށް ހަމަލާދޭ ދުޝްމަން ގައުމުތަކުގެ އުޅަނދުތަކަށް އެކަނި ކަމަށެވެ. "އެހެން ގައުމުތަކުގެ އުޅަނދުތަކަށް ކަނޑުއޮޅިން ދަތުރުކުރެވޭނެ. ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގެއް ހޯދުމަށް އަޅުގަނޑުމެން ދަނީ އެ ގައުމުތަކާ ވާހަކަދައްކަމުން،" އަރަގްޗީ ވިދާޅުވިއެވެ.

ޖަޕާނަކީ އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 90 އިންސައްތައަށްވުރެ ގިނައިން މެދުއިރުމަތިން އެތެރެކުރާ ގައުމެކެވެ. އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ކުރިން އިންޒާރު ދީފައިވަނީ އެ ސަރަހައްދުން ދަތުރުކުރަން އުޅޭ ކޮންމެ އުޅަނދެއްގައި އަލިފާން ރޯކޮށްލާނެ ކަމަށެވެ.

ނަމަވެސް ފާއިތުވި ހަފުތާގައި އީރާނުގެ ރޫހަށް ބަދަލުތަކެއް އައިސް، ޗައިނާ، އިންޑިއާ އަދި ޕާކިސްތާނުގެ އުޅަނދުތަކަށް މިހާރު ދަނީ އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ދެމުންނެވެ. ލޮއިޑްސް ލިސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އައްސޭރިފަށާ ކައިރިން މިހާރު ވަނީ "ރައްކާތެރި ކޮރިޑޯއެއް" އުފެދިފައެވެ. މި މަގުން ދަތުރުކުރާ އުޅަނދުތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމުގެ ނިޒާމެއް އައިއާރުޖީސީން ދަނީ ގާއިމުކުރަމުންނެވެ.

އީރާނާއެކު ކުރާ ހަނގުރާމައަށް ތިން ހަފުތާ ވެފައިވާއިރު، އެމެރިކާގެ ބައެއް ބައިވެރި ގައުމުތަކުން ވެސް ދަނީ ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ބާރުއަޅަމުންނެވެ. ޖަޕާނުގެ އިތުރުން ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ، ނެދަލޭންޑްސް އަދި އިނގިރޭސިވިލާތުން ވަނީ ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

އަރަގްޗީގެ މި ވާހަކަތައް އައިސްފައިވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ތޮޝިމިޓްސޫ މޮޓޭގީއާ ފޯނުން ގުޅުއްވައި، ގަލްފް ސަރަހައްދުގައި ތާށިވެފައިވާ ޖަޕާނުގެ އުޅަނދުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. މީގެ އިތުރުން އިރާގު، މެލޭޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުން ވެސް ދަނީ މި މައްސަލައިގައި އީރާނާއެކު ސީދާ މަޝްވަރާތައް ބާއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450