ދުނިޔެ

ބަޣުދާދުގައި ހުންނަ އިރާގުގެ އިންޓެލިޖެންސް މައި މަރުކަޒަށް ޑްރޯން ހަމަލާއެއް ދީ އޮފިސަރަކު މަރާލައިފި

ބަޣުދާދުގައި ހުންނަ އިރާގުގެ އިންޓެލިޖެންސް މައި މަރުކަޒަށް ޑްރޯން ހަމަލާއެއް ދީ އޮފިސަރަކު މަރާލައިފި

އިރާޤަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މާރިޗު 2026، 06:07

21 މާރިޗު 2026، 06:07

އިރާގުގެ ވެރިރަށް ބަޣުދާދުގެ މެދުތެރޭގައި ހުންނަ އިރާގުގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސްގެ މައި މަރުކަޒަށް "ގާނޫނާ ހިލާފު ގްރޫޕްތަކަކުން" ދިން ޑްރޯން ހަމަލާއެއްގައި ފުލުހުންގެ އޮފިސަރަކު މަރުވެއްޖެއެވެ.

އިރާގު ސަރުކާރުގެ ސެކިއުރިޓީ މީޑިއާ ޔުނިޓްގެ ވެރިޔާ ޖެނެރަލް ސާދު މާން ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބަޣުދާދުގެ މަންސޫރު އަވަށުގައި ހުންނަ އިންޓެލިޖެންސް މަރުކަޒަށް މި ހަމަލާ ދީފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 10:00 ހާއިރު ކަމަށެވެ. ސަލާމަތީ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ޑްރޯން އަމާޒުކޮށްފައިވަނީ އެމެރިކާގެ އެޑްވައިޒަރުންނާ ގުޅިގެން މަސައްކަތްކުރާ މުވާސަލާތީ އިމާރާތަކަށެވެ.

މި ހަމަލާގެ މަންޒަރުތައް ރެކޯޑު ކުރަމުންދިޔަ އެހެން ޑްރޯނެއް ވަނީ ބަޣުދާދުގެ މުއްސަނދިންނާއި ބޭރުގެ ޑިޕްލޮމޭޓުން އާންމުކޮށް ގޮސް އުޅޭ ސްޕޯޓްސް ކްލަބަކަށް ވެއްޓިފައެވެ. މި ހަމަލާ ދީފައިވަނީ ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ތިން ޑްރޯން ހަމަލާއެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން އުފެދިފައިވާ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް އިރާގު ވަނީ ނޭދޭ ގޮތަކަށް ދަމައިގަނެވިފައެވެ. އޭގެ ފަހުން އިރާގުގެ އެކި ސަރަހައްދުތަކަށް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ދަނީ އެމެރިކާގެ މަސްލަހަތު އޮންނަ ތަންތަނަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާ ދެމުންނެވެ.

ހުކުރު ދުވަހުގެ ރޭ އިރާގުގެ އުތުރުގައި އޮންނަ އަސްކަރީ އެއާފީލްޑަކަށް ދިން ހަމަލާއެއްގައި ހާޝިދު އަލް-ޝާބީގެ ހަނގުރާމަވެރިއަކު ވަނީ މަރުވެފައެވެ. އެ ޖަމާއަތުން މި ހަމަލާގެ ޒިންމާ އަޅުވާފައިވަނީ އެމެރިކާ އާއި އިސްރާއީލުގެ ބޮލުގައެވެ. މީގެ އިތުރުން، އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ގްރޫޕްތަކާ ދެކޮޅަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން ހަމަލާ ދީފައިވާނެ ކަމަށް ޕެންޓަގަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450