ދުނިޔެ

ޑިޕްލޮމެސީ ނާކާމިޔާބުވެފައި ވަނިކޮށް، އީރާނުގެ ތެލުގެ ދަތިކުރުންތަކަށް އެމެރިކާއިން ކުއްލި ލުޔެއް ދީފި

ޑިޕްލޮމެސީ ނާކާމިޔާބުވެފައި ވަނިކޮށް، އީރާނުގެ ތެލުގެ ދަތިކުރުންތަކަށް އެމެރިކާއިން ކުއްލި ލުޔެއް ދީފި

އިރާންގެ ތެޔޮ ކާރުޚާނާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މާރިޗު 2026، 06:08

21 މާރިޗު 2026، 06:08

އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރުމަށް 30 ދުވަހުގެ މުއްދަތަށް ނިންމި ނިންމުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއީ އީރާނުން އެދިގެން ދިން ލުޔެއް ނޫން ނަމަވެސް، މިއީ އެތައް އަހަރެއްގެ ޑިޕްލޮމެޓިކް މަސައްކަތުން ވެސް އީރާނަށް ހާސިލްނުކުރެވުނު ކަމެކެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން ނިންމި ނިންމުމެއް
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، އީރާނަކީ "ދުނިޔޭގެ ޓެރަރިޒަމްގެ މަރުކަޒީ ބާރެއް" ކަމުގައި ވީނަމަވެސް، މިވަގުތު މި ލުއި ދޭން ނިންމީ ހަނގުރާމައިގެ ހާލަތުގެ ސަބަބުންނެވެ. ޓްރަމްޕްގެ "އޮޕަރޭޝަން އެޕިކް ފިއުރީ" ހީކުރި ވަރަށް ވުރެ ބާރަށް ކުރިއަށްދާ ކަމަށާއި، މި ފިޔަވަޅަކީ އީރާނުގެ ނުފޫޒު ކުޑަކޮށް ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހުއްދައިގެ ދަށުން ވިއްކޭނީ ހަމައެކަނި މިހާރު ކަނޑުމަތީގައި ބޯޓުފަހަރުގައި ހުރި އީރާނުގެ ތެލެވެ. މިއީ ވަގުތީ ފިޔަވަޅެއް ކަމަށާއި، އީރާނަށް އަލަށް ތެޔޮ އުފެއްދުމުގެ ނުވަތަ ކުރިއަށް އޮތް ތަނުގައި ތެޔޮ ވިއްކުމުގެ ހުއްދައެއް ނުލިބޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ބަޔާންކުރައްވައެވެ.

ބާޒާރަށް 140 މިލިއަން ފީފާ ތެޔޮ އިތުރުވުން
މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 140 މިލިއަން ފީފާ ތެޔޮ ދުނިޔޭގެ ބާޒާރަށް ނުކުންނާނެއެވެ. މީގެ ބޭނުމަކީ ތެލުގެ އަގު އުފުލުން ހުއްޓުވުމާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ދަތިތައް ކުޑަކުރުމެވެ. ބެސެންޓް ފާހަގަކުރެއްވި ގޮތުގައި ޗައިނާއިން ދިޔައީ އަގުހެޔޮކޮށް އީރާނުގެ ތެޔޮ ގަނެ ރައްކާކުރަމުންނެވެ. މި ތެޔޮ ބާޒާރަށް ދޫކޮށްލުމުން ދުނިޔޭގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެމެރިކާއިން ގަބޫލުކުރެއެވެ.

ސްޓްރެއިޓް އޮފް ހޯމްޒްގެ ހާލަތު
އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނާ ގޮތުގައި، ސްޓްރެއިޓް އޮފް ހޯމްޒް މެދުވެރިކޮށް ދުވާލަކު ދައުރުވާ 20 މިލިއަން ފީފާ ތެޔޮ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިއީ ތާރީޚުގައި ވެސް ތެޔޮ ސަޕްލައިއަށް އައި އެންމެ ބޮޑު އެއް ލޮޅުމެވެ. މިކަމުގެ ސަބަބުން އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު 85 ސެންޓަށް ވުރެ ބޮޑަށް ވަނީ އުފުލިފައެވެ.

ވައިޓް ހައުސްގެ ތެރޭގައި އިތުރު ތެޔޮ ދޫކުރުމާ މެދު ބަހުސްތަކެއް ކުރެވުނު ނަމަވެސް، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނީ ސްޓްރެޓީޖިކް ރިޒާވުން އިތުރު ތެޔޮ ދޫކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ. ޓްރަމްޕްގެ ސަރުކާރުން ބުނަނީ އެމެރިކާގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަކީ ދުރު މުސްތަގުބަލުގައި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމެއް ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450