ދުނިޔެ
ޑިއޭގޯ ގާސިއާއަށް ދިން މިސައިލް ހަމަލާތަކުގެ ޒިންމާ އީރާނުން ނުނެގި
ޑިއޭގޯ ގާސިއާއަށް ދިން މިސައިލް ހަމަލާތަކުގެ ޒިންމާ އީރާނުން ނުނެގި
އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކުގެ ފަހަތުގައި އީރާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އެ އޮފިޝަލް ވަނީ އެ ހަމަލާތަކުގެ ޒިންމާ އީރާނުން އުފުލަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އީރާނުން މިކަން ދޮގުކޮށްފައި މިވަނީ، މިދިޔަ ހުކުރު ދުވަހު ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކުރި ޚަބަރަކާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް އެ މަރުކަޒަށް އަމާޒުކޮށް ފޮނުވާލާފައިވީ ނަމަވެސް، އޭގެން އެއްވެސް މިސައިލެއް މަރުކަޒަށް އަރާފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އަނަޑޯލޫ ނިއުސް އެޖެންސީން ޕެންޓަގަންގެ ބަހެއް ހޯދުމަށް އެދުމުން، އަދި މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. ޑިއޭގޯ ގާސިއާއަކީ އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުން އެމެރިކާއިން ބޭނުންކުރުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފައިވާ ދެ މަރުކަޒުގެ ތެރެއިން އެއް މަރުކަޒެވެ.
މި ހަމަލާގެ ރިޕޯޓްތަކާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފައިވަނީ، ޑިއޭގޯ ގާސިއާއަކީ އީރާނާ ގާތްގަނޑަކަށް 4,000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށް ވާތީއެވެ. މިއީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެފައިވާ، އެ ގައުމުގެ މިސައިލްތަކުގެ ރާސްތާ ގަސްދުގައި ހިފަހައްޓާފައިވާ 2,000 ކިލޯމީޓަރުގެ ދެގުނަ އިތުރު އަދަދެކެވެ.
އިންޑިއާ ކަނޑުގެ މެދުތެރޭގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާއަކީ 1970 ގެ އަހަރުތަކުން ފެށިގެން އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ. މި ރަށަކީ ދުރު ރާސްތާގެ ބޮން އަޅާ ބޯޓުފަހަރާއި އެހެނިހެން އިސްތިރާތީޖީ ވަސީލަތްތައް ބަހައްޓާ މުހިންމު މަރުކަޒެކެވެ.