ޚަބަރު
އިޖުތިމާޢީ ވުޒާރާގެ އައު ވެބްސައިޓް މެދުވެރިކޮށް ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފި
އިޖްތިމާޢީ ވުޒާރާގެ ބައްދަލުވުމެއް--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު އެ ވުޒާރާގެ އައު ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، އައު ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފައެވެ. 'msfd.gov.mv' މެދުވެރިކޮށް މި ވެބްސައިޓަށް ވަދެވޭއިރު، މިއީ އއެ ވުޒާރާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ލުއިފަސޭހަ ވެބްސައިޓެކެވެ. އެގޮތުން، ވެބްސައިޓްގައި 'އެހީ ވަމާ' ބައިގެ ދަށުން ފެނިގެންދާ އެ ވުޒާރާގެ ޓްރަސްޓް ފަންޑަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ 'ބަނޑޭރި ޕޭ' ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ފޮނުވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތައް:
- ޢާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ޢާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.
- ޢާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ ޢާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.
- ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.
- ވޮލަންޓިއަރ ނުވަތަ އިންޓަރން އަކަށްވުން: އިޖްތިމާޢީ ވުޒާރާގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.
- އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ ޢާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.
އެހެންކަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހޯއްދެވުމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަފްޞީލުތައް ބެއްލެވުމަށް އައު ވެބްސައިޓް ބޭނުންކުރެއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި މިއީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.