ޚަބަރު
ނިމިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: ވަޒީރު ޠާރިޤު
ވަޒީރު ޠާރިޤު/ފޮޓޯ: ރައީސް އޮފީސް
ނިމިދިޔަ އަހަރު ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޠާރިޤު ވިދާޅުވީ، ރާއްޖެއަކީ ހަކަތަ އުފެއްދުމަށް އެތެރެކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ޤައުމެއް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު އެކަނި ބެލި ކަމުގައިވިޔަސް، ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި 10 ބިލިއަން ރުފިޔާއަކީ ބޭރު ފައިސާއަށް ބަދަލުކޮށް، އިމްޕޯޓް ކުރުމަށް ބޭރަށް ފޮނުވޭ ފައިސާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ޖީޑީޕީގެ ގާތްގަނޑަކަށް %10 ޚަރަދު ކުރަން ޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ރާއްޖޭގެ މައިގަނޑު ހުރިހާ ރަށެއްގައިވެސް ކަރަންޓު ފޯރުކޮށްދެމުން ދަނީ ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށާއި، ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައިވެސް ކަރަންޓް އުފައްދަނީ ތެޔޮ ޖެނެރޭޓަރު ބޭނުންކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގެ ޖަނަރޭޝަން ކެޕޭސިޓީއަށް ބަލާއިރު، 310 މެގަވޮޓު ބޭނުން ކުރަމުންދާއިރު، ރިސޯޓްތަކުގައި 298 މެގަވޮޓު އަދި ސިނާއީ ރަށްތަކުގެ 30 މެގަވޮޓު ބޭނުންކުރަމުން ދެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ދުވާލަކަށް 7،965 ފީފާގެ ޑީސަލް ބޭނުން ކުރާއިރު، އެއީ އަހަރަކަށް ބަލާނަމަ 2،907،225 ފީފާގެ ޑީސަލްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއިން ބޭރުން ގެންނަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭއިރު، އެކަމަށްޓަކައި ރާއްޖޭގައި ހުރި އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.