Ads by PNC

ޚަބަރު

ޙައްޖު މޫސުމަށް ތައްޔާރުވުމަށް މިނާގައި ދިވެހިން ތިބޭ ފޭލިގެތަށް ތައްޔާރުކުރަން ފަށައިފި

ޙައްޖު މޫސުމަށް ތައްޔާރުވުމަށް މިނާގައި ދިވެހިން ތިބޭ ފޭލިގެތަށް ތައްޔާރުކުރަން ފަށައިފި

ޙައްޖު މޫސުމުގައި މިނާގެ ޓެންޓުތައް ފެންނަ ފޮޓޯއެއް---

farudhun logo

ފަރުދުން

25 މާރިޗު 2026، 08:23

25 މާރިޗު 2026، 08:23

ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މިނާގައި ދިވެހިން ތިބޭ ފޭލިގެތަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ބައްލަވާލެއްވުމަށް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ވަނީ އެ ސަރަޙައްދަށް ހާޒިރުވެފައެވެ.

މި ތައްޔާރީތަކާ ގުޅިގެން ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް އަހަރުން އަހަރަށް ރަނގަޅު ކުރުމަށެވެ. އެގޮތުން މި އަހަރު ވެސް ތަފާތުތަކެއް ފެނިގެންދާނެކަން ވަނީ ހާމަކޮށްފައެވެ. 



މިނާގައި ތިބޭއިރު އެންމެ ބޮޑު ތަކުލީފަކަށްވެފައި އޮންނަނީ ފާހާނާގެ ކަންތަކެވެ. އެހެންކަމުން މި އަހަރު ފޭލިގެތަކުގައި ފާހާނާ އިތުރުކުރާނެކަމަށް އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވިއެވެ. އެގޮތުން އާންމު ގޮތެއްގައި މިނާގެ ފޭލިގެތަކުގައި 1000 ހާޖީންނަށް 6 ފާޚާނާ ލިބޭއިރު، މި ފަހަރު ދިވެހި ޙާއްޖީންނަށް ޚާއްސަކޮށްގެން 60އެއްހާ ފާޚާނާ ޤާއިމްކުރާނެކަމަށް ވިދާޅުވިއެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުންނަށް ވަކިވަކިން ތައްޔާރުކުރާ ތަންތަންކަމަށާއި، ފާޚަނާގެ އިތުރުން ވުޟޫކުރުމަށް ޚާއްސަ ތަންތަންވެސް ހުނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީގެއިތުރުން ދިވެހިންގެ ކެއުމުގެ ކަންކަން ހަމަޖެއްސުމަށް އެ ތަނުގައި ބަދިގެއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މީގެކުރިން މިނާގެ ޓެންޓުތަކުގައި ދިވެހި ޙައްޖާޖީންވެސް ތިބެނީ އެހެން ބައެއް ޤައުމުތަކުގެ ޙާޖީންނާއެކުއެވެ. ޙާޖީން ބޭނުންކުރާ ފާޚާނާތަކަކީވެސް އެހެން ޤައުމުތަކުގެ މީހުންވެސް ބޭނުންކުރާ ފާޚާނާތަކެކެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ދިވެހި ކެއުންތައް ޙާޖީންނަށް ދިނުން އޮންނަނީ ދަތިކަމަކަށްވެފައެވެ. 

ނަމަވެސް މިދިޔަ ޙައްޖުގައި ދިވެހި ސަރުކާރުން ސަޢޫދި ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރެވުނެވެ. މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި މިދިޔަ އަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

ޙައްޖު މޫސުމުގައި މިނާގެ ޓެންޓުތައް ދުރުން ފެންނަ ފޮޓޯއެއް---

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނައިރު ސަޢުދީ އެއަލައިންނާ އެކު ރާއްޖެއިން ހައްޖަށްދާ މީހުންގެ %50 މީހުން ގެންދަން އެއްބަސްވުން އެކުލަވާލާފައެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ ހައްޖާ ގުޅުން ހުރި ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާ ނިންމާފައެވެ. ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450