ޚަބަރު
ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް އައު ޤަވާއިދެއް!
ހުޅުމާލެ/ފޮޓޯ: މޯލްޑިވްސް ޖަރނަލް
ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ޤަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ.
މި ޤަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތަޢާރަފުކޮށް، ތަރުތީބުވެފައިވާ އަރބަން ތަރައްޤީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ. ބިމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ޤަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ޤަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
މި ޤަވާއިދުގައިވާ ގޮތުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީ މެދުވެރިކޮށެވެ. އަދި މިކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންކަމަށްވާއިރު، މިއީ ތަރައްޤީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ. ހަމަ އެހެންމެ، ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް މި ޤަވާއިދުގައި ކަނޑައަޅާފައިވާއިރު، މިއީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.

މީގެ އިތުރުން، އައު އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، އުސްމިނާއި، ފްލޯ ސްޕޭސް އިންޑެކްސް އާއި، އިމާރާތުން ދޫކުރަންޖެހޭ ހުސްޖާގަ (ސެޓްބެކް) އަދި ޕާކިންގްއާ ގުޅޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުޞަތު މި ޤަވާއިދުން ލިބިދެއެވެ. މިއީ ހުޅުމާލޭގެ ދިރިއުޅުމުގެ މާހައުލަށް ބުރޫނާރާނެހެން އިޤްތިޞާދީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ކުރެވޭ ކަމެކެވެ. ހަމަ އެއާއެކު، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި ޢާންމުންނަށް އުނދަގޫވާފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ޤަވާއިދުގެ ދަށުން މަނާކުރެއެވެ.
މި ޤަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްޞީލީ މިންގަނޑުތަކެއް ވެސް މާލީ ވުޒާރާއިން ވަނީ ހިމަނާފައެވެ. އެގޮތުން، އެޗްޑީސީ އިން ޢާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްޤީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭ ގޮތަށް ޤަވާއިދުގައި ހިމަނާފައިވާއިރު، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް، މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ޕާކިންގް، ކުނި ބަހައްޓާނެ ޖާގަ، ވައި ދައުރުވުން، ރައްކާތެރިކަން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާ ގުޅޭ ޝަރުތުތައް ވެސް މި ޤަވާއިދުގައި ހިމެނެއެވެ. 18.5 މީޓަރަށްވުރެ ތިރި އިމާރާތްތަކުގައި އެޕާޓްމަންޓްގެ ސައިޒަށް ބަލައި ސައިކަލް ޕާކިންގް ދޭންޖެހޭއިރު، އެއަށްވުރެ އުސް އިމާރާތްތަކުގެ ގްރައުންޑް ފްލޯ ނުވަތަ ބޭސްމަންޓް ޕާކިންގްއަށް ޚާއްޞަކުރަންޖެހެއެވެ. މީގެ އިތުރުން، ކުނި ބަހައްޓާނެ ވަކި ތަނެއް ހުރުމާއި، ވައި ދައުރުވުމާއި އަލިކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ހަދާ އިމާރާތްތަކުގައި ޖީ.ޕީ.އޯ.އެން ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ޑަކްޓްތައް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފައެވެ.
މި ޤަވާއިދުގެ ސަބަބުން ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ގޮތްތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނުގައި ހުންނަ ރޭމްޕްތައް، މިހާރު ޢަމަލުކުރަމުންދާ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ފުރާޅުލާފައިވާ ޓެރަސްތަކަކީ އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށާއި، އެޗްޑީސީގެ ހުއްދައާއެކު، މުވާސަލާތީ ޓަވަރުތަކާއި، އެންޓަނާ އަދި ސެޓެލައިޓް ޑިޝްތައް ތަރުތީބުން ހަރުކުރުމާ ގުޅޭ އުޞޫލުތައް ވެސް މި ޤަވާއިދުގައި ހިމަނާފައިވެއެވެ.
މި އައު ޤަވާއިދު މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު، 2023 ވަނަ އަހަރުގެ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ޤަވާއިދު" ވަނީ އުވިފައެވެ.