Ads by Farudhun

ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 603 ބިން ހަވާލުކޮށްފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 603 ބިން ހަވާލުކޮށްފި

ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ހަވާލުކުރުން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2026، 05:51

17 ސެޕްޓެމްބަރު 2026، 05:51

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާތަނަށް 641 ގޯތީގެ ރަޖިސްޓްރީ އާއި 603 ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން 698 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް ދޫކުރެވުނު 603 ބިމަކީ ޖުމްލަ އަދަދުގެ 86 އިންސައްތަ ކަމަށެވެ. އަދި ދޫކޮށްފައިވާ 641 ގޯތީގެ ރަޖިސްޓްރީއަކީ ޖުމްލަ އަދަދުގެ 92 އިންސައްތަކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. މީގެއިތުރުން، ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުން، އެފަރާތްތަކަށް ލިބިފައިވާ ބިމުގެ ސަރަހައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އައުމަށް އަންގަމުން ގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މާލެ ސަރަހައްދުން 9،000 އަށް ވުރެ ގިނަ ގޯތި ދޫކުރަން ނިންމާފައި އޮތް ނަމަވެސް، ގިނަ ތަންތަން އޭރު ހިއްކަންވެސް ފަށާފައެއް ނުވެއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން ގިނަ އަދަދެއްގެ ގޯތި ދޭން ނިންމިއިރު، ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ހިއްކާފައި އޮތީ 100 އެއްހާ ގޯތި ދެވޭ ވަރަށް ވުރެވެސް ކުޑަ ސަރަހައްދެކެވެ.



މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ހުޅުމާލެ 3 ހިއްކުމުގެ މަޝްރޫއު ފެށުމަށްފަހު، މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތަށް މަޑުޖެހުމެއް އައި ނަމަވެސް، ނޮވެމްބަރު 10 ގައި މަސައްކަތް އަލުން ފަށައި، ވެރިކަމުގެ ދެ އަހަރު ތެރޭގައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ އެއް ފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ކެޕޭސިޓީ ހުރި 'ޕްރިންސް ދަ ނެދަލޭންޑެން' އަދި 'އޮރެންޖް' ނަމަކަށް ކިޔާ ޑްރެޖަރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450