ޚަބަރު
ތުލުސްދޫ އެފްއާރުސީ: މިހާރު ކުރިޔަށްދަނީ ކޮންކްރީޓް މަސައްކަތް
ތުލުސްދޫގައި އިމާރާތްކުރާ އެފްއާރުސީގެ މަސައްކަތާ ގުޅޭ ސާމާނު / ފޮޓޯ: އެމްޓީސީސީ
ކ. ތުލުސްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ތުލުސްދޫގައި މިފަދަ ޒަމާނީ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައި، މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ތުލުސްދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ޒަމާނީ ވަސީލަތްތަކާއެކު އިންޑޯ ޖިމަކާއި، އެރޮބިކްސް ހެދުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެއެވެ. މީގެއިތުރުން، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ވެސް މި ސެންޓަރުގައި ފުރިހަމަކުރެވިގެންދާނެއެވެ.
ތުލުސްދޫގައި އިމާރާތްކުރާ އެފްއާރުސީގެ ސައިޓު / ފޮޓޯ: އެމްޓީސީސީ
ހަށިހެޔޮ، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.