Ads by PNC

ޚަބަރު

ވިލިމާލޭގައި ބީއެމްއެލްއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ވިލިމާލޭގައި ބީއެމްއެލްއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ވިލިމާލޭގައި ބީއެމްއެލްއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

26 މާރިޗު 2026، 10:34

26 މާރިޗު 2026، 10:34

ވިލިމާލޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 300 ހައުސިން ޔުނިޓެގެ ބިންގާ އަޅައިފިއެވެ.

މިކަމަށްޓަކައި މިރޭ ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ބީއެމްއެލްގެ ޗެއަޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ޙަސަން ޝާމް އާއި އާރްސީސީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އަދި މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކުއްޔަކާ ނުލައި ދީފައިވާ މި ބިމުގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީއިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެ އާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިޢްޒު ވެރިކަމަށް ވަޑައިގެންނެވީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯއްދެވިމަށް ވަޢުދުވެ ވަޑައިގަންނަވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، ވިލިމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި 300 ހައުސިން ޔުނިޓު އަޅައިދޭނެކަން ވަނީ އިޢުލާންކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450