ޚަބަރު
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ވެސް ދޭނެ: ވަޒީރު މުއްޠަލިބް
މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ގެނެސްފައިވާ ކާރުތައް
ސަރުކާރުން އަލަށް ތަޢާރަފްކުރާ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ފޯރުކޮށްދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މި ޚިދުމަތަކީ ރައްޔިތުންނަށް ޓެކްސީ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރު ވިލިމާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 5 ކާރު ބޭނުންކުރާނެ ކަމަށެވެ. މި އުޅަނދުތަކަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކަށް ވުމުން، އެއީ ވިލިމާލޭގެ މާޙައުލާ ގުޅޭ، ރަށުގެ ތަރައްޤީއަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، "ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ 5 ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ޚިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީ ތަކަކަށްވާތީ މިރަށުގެ މާޙައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެކަމެއްކަމީ ޝައްކެއްއޮތްކަމެއްނޫން." ކަމަށެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ހޯދުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރާނެއެވެ. ސަރުކާރުން ބޭނުންކުރާނީ 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ އުޅަނދުތަކެވެ. މި ޚިދުމަތް 24 ގަޑިއިރު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫޢަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި ބާކީ އޮތް 90 ކާރުގެ ޝިޕްމަންޓް މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އައު ޚިދުމަތާއެކު މާލެ ސަރަޙައްދުގެ ޓެކްސީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.