Ads by PNC

ޚަބަރު

ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުން ރާއްޖެއިން ބަލައެއް ނުގަންނާނެ: ރައީސް

ޗާގޯސް މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ވިލާތުން ނިންމި ނިންމުން ރާއްޖެއިން ބަލައެއް ނުގަންނާނެ: ރައީސް

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އަދި ރައީސް މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 01:04

28 މާރިޗު 2026، 01:04

މޮރިޝަސްއަށް ފޯޅަވަހި (ޗާގޯސް އައިލެންޑްސް) ދިނުމަށް އިނގިރޭސިވިލާތުން އެ ގައުމާއެކު ހެދި އެއްބަސްވުން ބަލައިނުގަންނަކަން ދިވެހި ސަރުކާރުން ރަސްމީކޮށް އިނގިރޭސިވިލާތަށް އަންގައިފިއެވެ.

 ބީބީސީއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުމާ ދެކޮޅުކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވަނީ ދެ ލިޔުމެއްގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއަށް ކުރެއްވި ފޯނު ކޯލެއްގެ މެދުވެރިކޮށެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްގެ މެދުގައި ގާއިމުކޮށްފައިވާ އެއްބަސްވުމާ މެދު "ފުން ކަންބޮޑުވުންތަކެއް ހުރި" ކަމަށެވެ. އަދި ރާއްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު، ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ ސްޓެފަން ޑައުޓީ ވިދާޅުވެފައިވަނީ، ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ ދައުރެއް ނެތް ކަމަށެވެ. އިނގިރޭސި ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ބީބީސީން ބުނެފައިވަނީ ބައިނަލްއަގުވާމީ ކޯޓުތަކުން މިހާރުވެސް އެ ރަށްތަކުގެ ސިޔާދަތު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމާފައިވާ ކަމަށެވެ.

ފާއިތުވި އަހަރު އިނގިރޭސިވިލާތުން ވަނީ މޮރިޝަސްއަށް އެ ސަރަހައްދު ދިނުމާއެކު، އެތަނުގައި އޮޕަރޭޓުކުރާ އަސްކަރީ ބޭސް ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑު މޮރިޝަސްއަށް ދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ރާއްޖެއަށް ފޯޅަވަހީގެ މައްޗަށް އެތައް ގަރުނެއްވީ ތާރީހީ ސިޔާދަތީ ދައުވާއެއް ކުރެވެން އެބައޮތް ކަމަށެވެ.

ސަރުކާރުން ބީބީސީއަށް ފޮނުވި ސްޓޭޓުމެންޓެއްގައިވާ ގޮތުން، 2024 ނޮވެންބަރު އަދި 2026 ޖަނަވަރީގައިވެސް މި އެއްބަސްވުމާ ދެކޮޅަށް ސިޓީތައް ފޮނުވާފައިވެއެވެ. އެ ސިޓީތަކުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގެ މަސްލަހަތުތައް އެއްފަރާތްކޮށް ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން އެއްބަސްވުމެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ދިވެހި ސަރުކާރުގެ މި މައުގިފަކީ ރާއްޖެއާއި ފޯޅަވަހީގެ މެދުގައި އޮތް ތާރީހީ، އިދާރީ އަދި ޖިއޮގްރަފީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ޖިއޮގްރަފީގެ ގޮތުން ފޯޅަވަހި ރާއްޖެއާ ކައިރީގައި އޮތުމުން، އެހެން ކޮންމެ ގައުމަކަށްވުރެ ރާއްޖެއިން އެ ރަށްތަކުގެ މައްޗަށް ކުރާ ސިޔާދަތީ ދައުވާއަށް އިސްކަންދޭންޖެހެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450