Ads by PNC

ޚަބަރު

މަޑަވެލީގައި ތަރައްޤީގެ ތިން މަޝްރޫޢެއް ފަށައިފި: ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 50 ހައުސިންގެ ޔުނިޓްގެ މަސައްކަތް

މަޑަވެލީގައި ތަރައްޤީގެ ތިން މަޝްރޫޢެއް ފަށައިފި: ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 50 ހައުސިންގެ ޔުނިޓްގެ މަސައްކަތް

މަޑަވެލީގައި ބިނާކުރާ 50 ހައުސިންގ ޔުނިޓްގެ ބިންގާއެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 01:53

28 މާރިޗު 2026، 01:53

ގދ. މަޑަވެލީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުުރުމުގެ އިތުރުން 50 ހައުސިންގ ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

 މި މަޝްރޫޢުތައް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް އެ ރަށަށް ކުރެއްވި ޒިޔާރަތެއްގައެވެ.

މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. ޖުމްލަ 174.5 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 400 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން 19.17 ހެކްޓަރުގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އެ ރަށުގައި އަލަށް ފެށި 50 ހައުސިންގ ޔުނިޓްގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މަޝްރޫޢުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ އިސްވެރިންނާއި، މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް އަދި ރަށު ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

2000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލީގައި މި މަޝްރޫޢުތައް ނިމުމުން، ރަށުގެ ބިން އިތުރުވެ، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މިއީ އެ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދެވޭ އެންމެ ބޮޑު ތިން މަޝްރޫޢެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450