ދުނިޔެ

އިންޑިއާއިން ތެލުގެ ޓެކްސް ކުޑަކޮށްފި، ލޮކްޑައުން ކުރަން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށްފި

އިންޑިއާއިން ތެލުގެ ޓެކްސް ކުޑަކޮށްފި، ލޮކްޑައުން ކުރަން އުޅޭކަމުގެ ވާހަކަތައް ދޮގުކޮށްފި

އިންޑިއާއަށް ތެޔޮ އެތެރެކުރާ ބޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 މާރިޗު 2026، 02:07

28 މާރިޗު 2026، 02:07

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ތެލުން ނަގާ ޓެކްސް ކުޑަކުރުމަށް ނިންމައިފިއެވެ.

 މި ނިންމުން ނިންމާފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހާލަތުގައި ސަރުކާރަށް ޖެހުނީ ދެ ގޮތަކުން ކުރެ އެއްގޮތެއް އިޚްތިޔާރު ކުރަން ކަމަށެވެ. އެއީ ތެލުގެ އަގު އިންތިހާއަށް ބޮޑުކުރުން ނުވަތަ ދައުލަތުގެ އާމްދަނީން ބައެއް ދޫކޮށްލައިގެން ނަމަވެސް ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމެވެ. ސަރުކާރުން ނިންމީ ދައުލަތުގެ މާލިއްޔަތަށް ބުރަވި ނަމަވެސް ރައްޔިތުން ރައްކާތެރިކުރުމަށެވެ.

ޓެކްސްއަށް ގެނެވުނު ބަދަލުތައް
ބުރާސްފަތި ދުވަހު ނެރުނު ސަރުކާރުގެ އަމުރެއްގައިވާ ގޮތުން، ޕެޓްރޯލް ލިޓަރަކުން ނަގަމުން އައި 13 ރޫޕީސްގެ ޑިއުޓީ ވަނީ 3 ރޫޕީސްއަށް ކުޑަކޮށްފައެވެ. އަދި ޑީސަލް ލިޓަރަކުން ނަގަމުން އައި 10 ރޫޕީސްގެ ޑިއުޓީ މުޅިން އުނިކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކުވެސް އާންމު ރައްޔިތުންނަށް ތެޔޮ ވިއްކާ އަގަށް ބަދަލު އަންނާނެކަން އަދި ސާފެއް ނުވެއެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ މީގެ ކުރިން ގެއްލުމުގައި ތެޔޮ ވިއްކަމުންދިޔަ ކުންފުނިތަކަށެވެ.

އެމްކޭ ގްލޯބަލްގެ އިގްތިސާދީ މާހިރު މާދަވީ އަރޯރާ ވިދާޅުވި ގޮތުގައި، މި ނިންމުމުގެ ސަބަބުން އިންޑިއާގެ ދައުލަތުގެ މާލިއްޔަތަށް އަހަރަކު ގާތްގަނޑަކަށް 1.55 ޓްރިލިއަން ރޫޕީސް (16.3 ބިލިއަން ޑޮލަރު) ގެ އާމްދަނީއެއް ގެއްލޭނެއެވެ.

ހަކަތައިގެ ކާރިސާއާއި ލޮކްޑައުންގެ އަޑުތައް
ފެބްރުއަރީ 28 ގައި އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ސްޓްރެއިޓް އޮފް ހޯރްމޫޒް ބަންދުކުރުމާ ގާތަށް ދިއުމުން، ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ސާފުނުކުރާ ތެޔޮ އެތެރެކުރާ ގައުމެވެ. އިންޑިއާއަށް ބޭނުންވާ ތެލުގެ 40 އިންސައްތަ އެތެރެކުރަނީ އެ ސަރަހައްދުންނެވެ.

މި ކާރިސާއާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރަން އުޅޭކަމަށް ފެތުރެމުންދާ ވާހަކަތައް މިނިސްޓަރު ޕޫރީ ވަނީ ދޮގުކުރައްވާފައެވެ. "އެއީ މުޅިން ދޮގު ވާހަކަތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ ހަކަތައިގެ ރިޒާވްގައި 74 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ އެބަހުރި ކަމަށާއި، ގައުމުގެ ހާލަތު އޮތީ ވަރުގަދަކޮށް ކަމަށެވެ.

މީގެ އިތުރުން، އިންޑިއާގެ ފައިނޭންސް އޮތޯރިޓީން ވަނީ ޑީސަލާއި މަތިންދާބޯޓު ތެޔޮ ބޭރުކުރާއިރު ނަގާ ޓެކްސް އަލުން ބޮޑުކޮށްފައެވެ. އެގޮތުން ޑީސަލް ލިޓަރަކުން 21.5 ރޫޕީސް އަދި މަތިންދާބޯޓު ތެލުން 29.5 ރޫޕީސް ނެގުމަށް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450