Ads by PNC

ޚަބަރު

ސަލްޓަން ޕާކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ގޭމިންގ ސްޓޭޑިއަމެއް އެޅުމަށް ސަރުކާރުން ނިންމައިފި

ސަލްޓަން ޕާކުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ގޭމިންގ ސްޓޭޑިއަމެއް އެޅުމަށް ސަރުކާރުން ނިންމައިފި

ގޭމިންގ ސްޓޭޝަނެއް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 10:21

29 މާރިޗު 2026، 10:21

 މާލޭގެ ސަލްޓަން ޕާކުގައި ކުރިން ސްނޯ ޕާކް ހުރި ސަރަޙައްދުގައި ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ގޭމިންގ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ޒުވާނުންގެ މެދުގައި މަޤްބޫލުވަމުންދާ އީ-ސްޕޯޓްސް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި އީ-ގޭމިންގ ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން 40 އަށްވުރެ ގިނަ ގޭމިންގ ސްޓޭޝަންތަކާއި، ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ޚާއްޞަ ޓޯނަމަންޓް އެރީނާއެއް މިތަނުގައި ހިމެނޭނެއެވެ. މީގެއިތުރުން، މުބާރާތްތައް ވަގުތުން ސްޓްރީމްކޮށް ބްރޯޑްކާސްޓް ކުރެވޭނެ އާލާތްތަކާއެކު ތަރައްޤީކުރާ މީޑިއާ ރޫމެއްވެސް މި ސްޓޭޑިއަމްގައި ހުންނާނެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ދެވަނަ ކުއާޓަރގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައި، 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ.

ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިންޓަނެޓް މެދުވެރިކޮށް ކުޅޭ ގޭމުތަކަށް އޮތް ތަރުޙީބު ބޮޑުވަމުންދާއިރު، މިހާރު މާލޭގައި މިފަދަ ހަރަކާތްތަކަށް ބޭނުންކުރާ ހަމައެކަނި ތަނަކީ "ޒުވާނުންގެ ވެހި" ނުވަތަ "ޔޫތު ތާރޑް ސްޕޭސް" އެވެ. ކުރިން ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު، މުލިއާގޭގެ ވެހިކަލް ގަރާޖެއްގެ ގޮތުގައި ބޭނުންކުރި މި އިމާރާތް ޒުވާނުންގެ މަރުކަޒަކަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ 18 ނޮވެމްބަރު 2024 ގައެވެ. އަދި މިތަން ރަސްމީކޮށް ހުޅުވައިދެއްވީ 20 ނޮވެމްބަރު 2025 ގައެވެ.

"ޒުވާނުންގެ ވެހި" އަކީ ޒުވާނުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ރައީސް އިސްނަންގަވައިގެން އުފެއްދެވި ތަނެކެވެ. އެތަނުގައި މިހާރުވެސް އީ-ގޭމިންގގެ އިތުރުން، ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭ ތަފާތު ހަރަކާތްތައް ކުރިއަށްގެންދެއެވެ.

ސަލްޓަން ޕާކުގައި އަލަށް ބިނާކުރާ އީ-ގޭމިންގ ސްޓޭޑިއަމާއެކު، ރާއްޖޭގެ ޒުވާނުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450