ޚަބަރު
ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން މާލޭގައި ބޭއްވުނު ރަސްމިއްޔާތު ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުތަކެއް ބާއްވައިފިއެވެ.
މާލޭގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ފަތިހު ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި، ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ދިދަ ނެގުމަށްފަހު، ފުލުހުންގެ އަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ހާއްސަ ދުޢާއެއް ކުރުން ކުރިއަށްދިޔައެވެ. އަދި މި ރަސްމިއްޔާތުގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ދެ ބޭފުޅަކު އަވަހާރަވުމާ ގުޅިގެން ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ސޮއިކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝުކޫރު ޢަބްދުﷲ އާއި، 35 އަހަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ކައުންސެލް ޖެނެރަލް އަލްއުސްތާޛު ޙަސަން ޙަމީދުގެ ތަޢުޒިޔާގެ ދަފުތަރެވެ.
މި ދަފުތަރުގައި ވަޒީރު ޢަލީ އިޙްސާންއާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހަދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް ކޮމިޝަންޑު އޮފިސަރުން ވަނީ ސޮއިކުރައްވާފައެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް މިއަދު ފަތިހު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އެ ރަށްރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ޕޮލިސް ސްޓޭޝަންތަކުގެ މުވައްޒަފުންގެ އިތުރުން، ރަށްރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.