ދުނިޔެ
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދެވަނަ މަސް ފެށުނުއިރު، ޔަމަނުގެ ހޫޘީން ހަނަގުރާމައަށް ތަދައްޚުލް ވެއްޖެ
ހޫޘީންނަށް ތާއީދު ކުރާ ބަޔަކު
އެމެރިކާ އާއި އިސްރާއީލުގެ ސިފައިން އީރާނަށް ހަމަލާދޭން ފެށިތާ މަހެއް ފަހުން، ޔަމަނުގެ ހޫޘީން ފުރަތަމަ ފަހަރަށް އިސްރާއީލަށް ހަމަލާދީފިއެވެ.
މިއާއެކު، އެތައް ހާސް ބަޔަކު މަރުވެ، މިލިއަނުން މީހުން ގެދޮރު ދޫކޮށް ގޮސް، ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރާފައިވާ މި ހަނގުރާމައިގައި އާ ސަފްޙާއެއް މިވަނީ ހުޅުވިފައެވެ. ޔަމަނުގެ އުތުރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫޘީން މި ހަނގުރާމައިގެ ތެރެއަށް ވަނީ ހޮނިހިރު ދުވަހު 24 ގަޑިއިރު ނުވަނީސް އިސްރާއީލަށް ދިން މިސައިލް އަދި ޑްރޯން ދެ ހަމަލާއަކާ އެކުގައެވެ.
އިސްރާއީލު ސިފައިން ބުނި ގޮތުގައި އެ ހަމަލާތައް ވަނީ ހުއްޓުވާފައެވެ. ނަމަވެސް، އީރާނާ ގުޅުން އޮންނަ މި ޖަމާއަތުން ވަނީ "ފަލަސްތީނު، ލުބުނާން، އިރާޤް އަދި އީރާނުގެ ދިފާއީ ފްރަންޓްތަކަށް" އެހީތެރިވުމުގެ ގޮތުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ވައުދުވެފައެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ ދުވަސްވަރު ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީ، އަހަރަކު ގާތްގަނޑަކަށް 1 ޓްރިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތްތަކަށް ހުރަސްއެޅި ހޫޘީން، މިހާތަނަށް މި ހަނގުރާމައިގައި ބައިވެރިނުވެ މަޑުން ތިއްބެވެ.
މި ހަނގުރާމައިގައި ހޫޘީން ބައިވެރިވާނެ ކަމަށް ބެލެވިފައި އޮތް އޮތުން ހަގީގަތަކަށް މިވީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ހަނިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިއާއެކު، ބާބުލް މަންދަބް ކަނޑުއޮޅި ބަންދުކޮށްގެން ރަތް ކަނޑުގެ ދަތުރުފަތުރަށް ހޫޘީން އަލުން ހުރަސްއަޅާފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ޔަމަނުގެ ވެރިރަށް ސަންޢާ އިން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ޔޫސުފް މައުރީ ސިފަކުރި ގޮތުގައި ބާބުލް މަންދަބަކީ އެ ޖަމާއަތުގެ "އޭސް" ނުވަތަ އެންމެ ވަރުގަދަ ހަތިޔާރެވެ.
"އެމީހުން ބޭނުންވަނީ އިސްރާއީލަށް އިގްތިސާދީ ގޮތުން ގެއްލުން ދޭން. އެމީހުންގެ ވިޔަފާރި މަގުތަކަށް ހުރަސްއަޅަން. އިސްރާއީލަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލަށް ހުރަސްއަޅަން،" އޭނާ ބުންޏެވެ.
ހޫޘީންގެ ހަމަލާތައް މި އައީ، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވޮޝިންގޓަނުން އުންމީދުކުރާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައި ވަނިކޮށެވެ.
ހަމައެއާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސްޓްރެޓެޖީ ބަދަލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ދިނުމުގެ ގޮތުން އެމެރިކާގެ މެރިން ސިފައިންގެ އާ ފައުޖެއް އެ ސަރަހައްދަށް ދަނީ ފޯރަމުންނެވެ.
އެމެރިކާ އާއި އީރާނުންވެސް އެމީހުންގެ ގޮތުގައި ހިފަހައްޓަމުންދާތީ، ޑިޕްލޮމެޓިކް ހައްލެއް ފެންނަން ނެތްއިރު، ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރި، ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައިވެސް އެމެރިކާ އާއި އިސްރާއީލުން ވަނީ ބޮން އެޅުން ކުރިއަށް ގެންގޮސްފައެވެ.
އިސްރާއީލު ސިފައިން ބުނާ ގޮތުގައި އެމީހުން ވަނީ އީރާނުގެ ކަނޑުގެ ހަތިޔާރު ދިރާސާކުރާ މަރުކަޒަކަށް ހަމަލާދީފައެވެ. ހޮނިހިރު ދުވަހުގެ ރޭގަނޑު ތެހެރާނުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ ޒަންޖާންގެ މީހުން ދިރިއުޅޭ އިމާރާތަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން ފަސް މީހުން ވަނީ މަރުވެފައެވެ.
ތެހެރާނުގެ އޮފިޝަލުން ބުނި ގޮތުގައި ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއަށްވެސް ވަނީ ހަމަލާދީފައެވެ. މިއާއެކު އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވަނީ އެ ސަރަހައްދުގައި ހުރި އިސްރާއީލާއި އެމެރިކާގެ ޔުނިވަރސިޓީތަކަށް އިންޒާރު ދީފައެވެ.
މީގެ އިތުރުން، ހުޅަނގު ޚޫޒިސްތާން ޕްރޮވިންސްގެ ހަފްތްގެލް ސިޓީގައި ހުރި ފެން ރައްކާކުރާ ތަނަކަށްވެސް ހަމަލާދީފައިވާ ކަމަށް އީރާނުގެ ފާރްސް ނިއުސް އެޖެންސީން ބުނެއެވެ. އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 1,937 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 230 ކުޑަކުދިން ހިމެނެއެވެ.
އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނި ގޮތުގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކުގައި އާންމުންގެ 93,000 އަށްވުރެ ގިނަ ތަންތަނަށް ވަނީ ގެއްލުން ލިބިފައެވެ. ތެހެރާނުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ މުހައްމަދު ވަލް ބުނީ، "މި ހަނގުރާމައިގެ އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދަނީ އާންމުން" ކަމަށެވެ.
ލުބުނާނަށް ލިބެމުންދާ ގެެއްލުންތައް މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 1,189 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާއިރު، އިސްރާއީލުން ލުބުނާނަށް ދެމުންދާ ބޮޑެތި ގެއްލުންތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ހިޒްބުالله ނައްތާލުމަށާއި "ޣައްޒާ މޮޑެލް" އާ އެއްގޮތަށް ބަފަރ ޒޯނެއް ހެދުމަށް ބުނެ، އިސްރާއީލު ސިފައިން ދެކުނުގެ ލިޓާނީ ކޯރާ ދިމާލަށް ކުރިއަރަމުންދާއިރު، މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހޮނިހިރު ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނުގެ ދެކުނުން ތިން ނޫސްވެރިން ވަނީ މަރުވެފައެވެ.
މީގެ އިތުރުން، އިސްރާއީލުން ނުވަ ޕެރަމެޑިކުން މަރާލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، މިއާއެކު މި ހަނގުރާމައިގައި މަރުވި ސިއްހީ ހިދުމަތްތެރިންގެ އަދަދު ވަނީ 51 އަށް އަރާފައެވެ. ލުބުނާނުގެ ޕަބްލިކް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ލުބުނާނުގެ ދެކުނުގެ ޓައިރު ސަރަހައްދުގެ އަލް ހަނިއްޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ހިމެނޭހެން މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށެވެ.
ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނު ލުބުނާނުގެ ޑީރް އަލް-ޒަހްރާނީ އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން، އިސްރާއީލުން ތަކުރާރުކޮށް ހިލާފުވަމުންދިޔަ ސުލްހައިގެ އެއްބަސްވުމުގެ ތެރެއިން އިސްރާއީލަށް ހަމަލާދިން ހިޒްބުالله އިން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލު ސިފައިންނާ ދެކޮޅަށް އެތައް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފައެވެ.
އީރާނުން ހޯރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އެ ގައުމުގެ އިންޖީނުގެތަކަށާއި ހަކަތައިގެ އެހެނިހެން ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
ނަމަވެސް މި ހަފްތާއަށް އޭނާ ކަނޑައެޅި ސުންގަޑި ވަނީ އިތުރު 10 ދުވަހަށް އިތުރުކޮށްދީފައެވެ. ނޮވެމްބަރު މަހު އެމެރިކާގެ މިޑްޓާމް އިންތިހާބު އޮތްއިރު، ދުވަހެއް ދުވަހަކަށް މަގުބޫލުކަން ކުޑަވަމުންދާ މި ހަނގުރާމައިގެ ނޭދެވޭ އަސަރު ރައީސްގެ ރިޕަބްލިކަން ޕާޓީއަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޮފް ހުކުރު ދުވަހު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ތެހެރާނުން ވޮޝިންޓަނާއެކު މަޝްވަރާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "އަޅުގަނޑުމެން މިވަނީ 15 ނުކުތާގެ ޕްލޭނެއް ހުށަހަޅާފައި. އީރާނުން މިއަށް ޖަވާބެއް ދޭނެ ކަމަށް އުންމީދު ކުރަން. މީގެން ހުރިހާ ކަމެއް ހައްލުވެދާނެ،" ވިޓްކޮފް ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނުގެ އޮފިޝަލުންގެ މެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުން، މި ކާރިސާއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ސަރަހައްދީ ބާރުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް އިސްލާމްއާބާދުގައި ބާއްވާނެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީއާ ވާހަކަ ދައްކަވަމުން، ސަރަހައްދުގައި ހިނގަމުންދާ "ހުރިހާ ހަމަލާތަކާއި ދެކޮޅުވެރިކަން ހުއްޓާލުމަށް" ވަނީ ގޮވާލައްވާފައެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރަހައްދީ ސުލްހަާއި ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ޕާކިސްތާނުން ދެމިއޮންނާނެ ކަމަށް ދާރު ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ދިދަ ޖަހާފައިވާ 20 އުޅަނދަކަށް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ދާރު އިއުލާން ކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ޒަމާނީ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހަކަތައިގެ ކާރިސާއަށް ލުޔެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.