ޚަބަރު
ޕާކިން ބިލްޑިންގްތަކާއެކު ވެހިކަލް ރެޖިސްޓަރ ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ : ވަޒީރު
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ: ރައީސް އޮފީސް
ހުޅުމާލޭގެ މަގުތަކަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގައި 7 ޕާކިން ބިލްޑިންގް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އެކި މަރުޚަލާތަކުގައި ފަށާފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބިނާކުރާ 13 ފަންގިފިލާގެ ޕާކިން އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި 3 އިމާރާތް އަދި ފޭސް 2 ގައި 4 އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބާކީ ހުރި އިމާރާތްތަކުގެ މަސައްކަތްވެސް ފެށުމުގެ އެންމެ ފަހުގެ މަރުޚަލާގައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އިމާރާތްތަކަކީ ޕްރައިވެޓް އަދި ޕަބްލިކް ޕާކިން ސްޕޭސް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެވެ. "4 ފުރޮޅުލީ އުޅަނދަށް 2600 ޖާގަ އަދި 1000 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ މި މަޝްރޫޢުގެ ތެރެއިން ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މި އިމާރާތްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުޅަނދު ޕާކުރުމަށް ޚާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ޕާކިން ބިލްޑިންގްތަކާއެކު މަގުތަކަށް އަމާންކަން ލިބި، ޖާގަ ނެތުމުގެ ސަބަބުން ވެހިކަލް ރެޖިސްޓަރ ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މިއީ އެންމެ ޒަމާނީ ނިޒާމެއްގެ ދަށުން ހިންގޭނެ މަޝްރޫޢެއް ކަމަށާއި، މީގެ ސަބަބުން މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ މީހުންނަށް ބޮޑު ފަސޭހައެއް ލިބި، މަގުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް އަމާން އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށެވެ. އެގޮތުން މި ފެށުނު މަޝްރޫޢަކީ އެ އަމާޒަށް ވާޞިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.