ދުނިޔެ

ޖެފްރީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނަށް ބޭންކް އޮފް އެމެރިކާއިން 72.5 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެ

ޖެފްރީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނަށް ބޭންކް އޮފް އެމެރިކާއިން 72.5 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެ

ބޭންކް އޮފް އެމެރިކާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 01:28

29 މާރިޗު 2026، 01:28

އިންސާނީ ވަގުފާރީގެ ކުށްތަކެއް ސާބިތުވެފައިވަނިކޮށް ޖަލުގައި އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ ޖަރީމާތަކަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި، ބޭންކް އޮފް އެމެރިކާއިން 72.5 މިލިއަން ޑޮލަރު (54.6 މިލިއަން ފައުންޑް) ގެ ބަދަލެއް ދިނުމަށް އެއްބަސްވެއްޖެއެވެ.

މި މައްސަލައަކީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ފަރާތުން ފްލޮރިޑާގެ އަންހެނަކު އިސްވެ ހުރެ މިދިޔަ އޮކްޓޫބަރު މަހު ހުށަހެޅި ކްލާސް-އެކްޝަން ދައުވާއެކެވެ. "ޖޭން ޑޯ" ގެ ނަމުން ނަންދެވިފައިވާ މި އަންހެން މީހާ ބުނާ ގޮތުގައި، 2011 އާއި 2019 އާ ދެމެދު 100 އަށްވުރެ ގިނަ ފަހަރު އެޕްސްޓީން އޭނާއަށް އަނިޔާކޮށްފައިވެއެވެ. އަދި އެޕްސްޓީންގެ ވިޔަފާރި ޓީމުގެ އެންގުމަށް ބޭންކް އޮފް އެމެރިކާގައި ދެ އެކައުންޓެއް އޭނާ ހުޅުވާފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

މި ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެޕްސްޓީން ހިންގަމުންދިޔަ ޖަރީމާތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ބޭންކަށް ލިބިފައިވީ ނަމަވެސް، ޝިކާރައަކަށްވާ މީހުން ހިމާޔަތްކުރުމުގެ ބަދަލުގައި ބޭންކުން އިސްކަންދިނީ މާލީ ފައިދާއަށެވެ. މީގެ އިތުރުން، އެޕްސްޓީންގެ ޓީމުން ބޭނުންކުރި މި އަންހެން މީހާގެ އެކައުންޓްތަކުން ކަންބޮޑުވާންޖެހޭ ފަދަ އާދަޔާ ހިލާފު މުއާމަލާތްތަކެއް ހިންގާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ނިއުޔޯކްގެ ފެޑެރަލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި އެއްބަސްވުމަކަށް އައީ މި މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މީގެ ތަފްސީލު ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި އެއްބަސްވުމުގައި ބޭންކް އޮފް އެމެރިކާއިން ބުނެފައިވަނީ، މި ފައިސާ ދިނުމަށް އެއްބަސްވި ނަމަވެސް، އެއްވެސް ގާނޫނީ ކުށަކަށް ނުވަތަ ނުރަނގަޅު އަމަލަކަށް އެ ބޭންކުން އިއުތިރާފުނުވާ ކަމަށެވެ.

ޝިކާރައަކަށްވި މީހުންގެ ވަކީލު ސިގްރިޑް މެކޯލީ ބީބީސީއަށް ދިން ބަޔާނެއްގައި ވިދާޅުވީ، މި ނިންމުމަކީ އިންސާފު ހޯދުމަށް ކުރާ ދަތުރުގައި އެޅުނު އިތުރު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިއީ އެޕްސްޓީންގެ މައްސަލައިގައި ބޮޑު ބޭންކަކުން ބަދަލުދޭން އެއްބަސްވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޖޭޕީ މޯގަން ޗޭސް އިން 290 މިލިއަން ޑޮލަރު އަދި ޑޮއިޗް ބޭންކުން 75 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ. ބޭންކް އޮފް އެމެރިކާއާއެކު ވެވުނު މި އެއްބަސްވުން މިހާރު އޮތީ ފަނޑިޔާރެއްގެ ތަސްދީގަށް އިންތިޒާރުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450