ޚަބަރު
ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއްކަމުން ކުޑަކުދިން ގިނައިން ބޭރަށް ނުނެރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއްކަމުން ކުޑަކުދިން ގިނައިން ބޭރަށް ނުނެރުމަށް އެޗްޕީއޭއިން އިލްތިމާސްކުރުން. ފޮޓޯ: ދައުރު ނޫސް
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްވަރާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ހާއްސަކޮށް ކުޑަކުދިން ބޭރަށް ނުނެރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އިރުގެ ދޯދިތަކާއި ހޫނުގެ ސަބަބުން ސިއްޙީ އެކި މައްސަލަތައް ކުރިމަތިވެދާނެތީ އެކަމަށް ސަމާލުވުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ.
ހޫނުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ހޫނުގަދަވުމުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވެދާނެ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، އަދި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނެއެވެ. މީގެ އިތުރުން އަވީގައި ގިނަވަގުތު މަސައްކަތް ކުރަންޖެހޭ ފަރާތްތަކަށްވެސް މި ނުރައްކާ ބޮޑެވެ.
ތުއްތު ކުދިންނާއި ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް
ތުއްތު ކުދިންނާއި ކުޑަކުދިން ހޫނުން ރައްކާތެރިކުރުމަށްޓަކައި ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ. ބޭރަށް ގެންދަން ޖެހިއްޖެ ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ގަޔަށްދޫ ތުނި ހެދުން ލެއްވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށްޓަކައި ގާތުން ކިރުދިނުން ނުވަތަ 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ދިޔާ ތަކެއްޗާއި ފެން ދިނުމަށް ވަނީ އެދިފައެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް
އާންމުކޮށް އެންމެހާ ފަރާތްތަކުންވެސް އަވީގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށްޓަކައި ހެނދުނު 10 އިން މެންދުރުފަހު 4 އަށް އަވީގައި އުޅޭ މިންވަރު މަދުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ކަރުހިއްކައި ނުގަތް ނަމަވެސް ގިނައިން ފެންބުއިމަށާއި، ހަކުރާއި ކެފެއިން ހިމެނޭ ބުއިންތައް މަދުކުރުމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ބޭރަށް ނުކުންނައިރު ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުންލުމާއި، ފުޅާ ތޮފި ބޭނުންކުރުމުގެ އިތުރުން SPF-15 އަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުމަށް ވަނީ ލަފާދީފައެވެ.
ސަމާލުވާންޖެހޭ އަލާމާތްތައް
ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑަށް ދިމާވެދާނެ ސިއްޙީ މައްސަލަތަކުގެ ތެރޭގައި ވަރުދެރަވުން، ބޮލުގައި ރިއްސާ ބޯއެނބުރުން، އަކުނިވަޔަށް ދެމުން، އަދި ހަންގަނޑު ރަތްވެ ފޮޅުނެގުން ހިމެނެއެވެ. އަދި ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުމާއި ކުޑަކަމުދާއިރު ކުލަ ގަދަވުމަކީވެސް ސަމާލުވާންޖެހޭ ކަންކަމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.