ދުނިޔެ
އާންމުންގެ ފިއްތުންތަކާ އެކު، އިސްރާއިލަށް ފޮނުވާ އިންޑިއާގެ އަސްކަރީ ދަގަނޑު އިޓަލީން ތަހުގީގު ކުރަން ފަށައިފި
އިންޑިއާގެ ބޯޓެއް
އިސްރާއިލްގެ ބަނދަރުތަކަށް ގެންދާ ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ އަސްކަރީ ދަގަނޑު ޝިޕްމަންޓްތަކެއްގެ މައްސަލަ، މަދަނީ ޖަމިއްޔާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުގެ ފިއްތުންތަކާ އެކު އިޓަލީ ސަރުކާރުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިޓަލީގެ ކަލިއާރީ ބަނދަރުގައި ހުރި ޝިޕްމަންޓެއް އޮފިޝަލުން ބަލަމުންދާއިރު، ޖިއޯއިއާ ޓައުރޯ ބަނދަރުގައި ވެސް މިފަދަ ތަހުގީގުތަކެއް ދަނީ ކުރިއަށެވެ.
ބީޑީއެސް މޫވްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، އެމްއެސްސީ ޝިޕިންގް މެދުވެރިކޮށް އުފުލި ހަތަރު ޝިޕްމަންޓްގެ ތެރެއިން ތިން ޝިޕްމަންޓެއް މިހާރު ވަނީ ހުއްޓުވާފައި ނުވަތަ ހާއްސަ ފާރަވެރިކަމެއްގެ ދަށަށް ގެނެސްފައެވެ. ބީޑީއެސް އާއި "ނޯ ޓު ޕޯޓްސް ފޯ ޖެނޯސައިޑް" ކެމްޕޭނުގެ އިތުރުން ތަހުގީގީ ނޫސް "ދަ ޑަޗް" އިން ބުނާ ގޮތުގައި، މި ތަކެއްޗަކީ ގާޒާ އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރު އުފައްދާ އިސްރާއިލްގެ ފެކްޓްރީތަކަށް ފޮނުވާ ތަކެއްޗެވެ.
މި މަރުހަލާގެ އެންމެ ފަހު ޝިޕްމަންޓް މިހާރު ވަނީ މިސްރުގެ އަބޫ ގީރް ބަނދަރަށް ބާލާފައެވެ. އަދި އެ ތަކެތި އެހެން ބޯޓަކަށް ބަދަލުކޮށް އިސްރާއިލަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވޭތީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ވަނީ އެ ޝިޕްމަންޓް ތަހުގީގުކޮށް، އެ ދަތުރު ހުއްޓުވުމަށް ގާހިރާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން މިސްރުގެ އިންފޮމޭޝަން މިނިސްޓަރު ދިއާ ރަޝްވާން ވިދާޅުވީ، ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދަނީ ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ އެއްބަސްވުންތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް، އެ އަސްކަރީ ދަގަނޑު ޝިޕްމަންޓް ބަލާ ފާސްކޮށްފައިވާ ކަމުގެ އެއްވެސް ކަށަވަރުކަމެއް އޭނާ ދެއްވާފައެއް ނުވެއެވެ.
މިސްރުގެ ވަކީލުންގެ ޓީމަކުން ވަނީ އަބޫ ގީރް ބަނދަރު މެދުވެރިކޮށް މި ތަކެތި އަލުން ފޮނުވުމުގެ މައްސަލަ ތަހުގީގު ކުރުމަށާއި، ތަހުގީގު ނިމެންދެން އެ ޝިޕްމަންޓް ހިފެހެއްޓުމަށް އެދި ޕަބްލިކް ޕްރޮސެކިއުޝަނަށް ރަސްމީކޮށް ހުށަހަޅާފައެވެ.
އިޓަލީ އާއި މިސްރުގައި މި ފެށުނު ތަހުގީގުތަކަކީ، އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް ބޭނުންވާ ހަތިޔާރު އުފައްދާ ފެކްޓްރީތަކަށް މުދާ ފޯރުކޮށްދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގަމުންދާ ކަންކަމެވެ.