ދުނިޔެ

އިންޑިގޯ ފްލައިޓެއްގެ ކުއްލި ނުރައްކަލުގެ ދޮރު ހުޅުވަން އުޅުނު ފަސިންޖަރަކު، އެކަން ކުރެވުނީ ޖިންނި އަވަލާފައި ހުރުމުން ކަމަށް ބުނެފި

އިންޑިގޯ ފްލައިޓެއްގެ ކުއްލި ނުރައްކަލުގެ ދޮރު ހުޅުވަން އުޅުނު ފަސިންޖަރަކު، އެކަން ކުރެވުނީ ޖިންނި އަވަލާފައި ހުރުމުން ކަމަށް ބުނެފި

މުޙައްމަދު އަދުނާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 04:31

29 މާރިޗު 2026، 04:31

އިންޑިއާގެ ބެންގަލޫރުން ވަރަނާސީއަށް ދަތުރުކުރި އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި، ބޯޓު ޖައްސަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފަސިންޖަރަކު ކުއްލި ނުރައްކަލުގެ ދޮރު (އިމަޖެންސީ އެގްޒިޓް) ހުޅުވަން މަސައްކަތް ކުރުމުން ބޮޑު ނުރައްކަލަކާ ކުރިމަތިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިންޑިގޯގެ 6E-185 ފްލައިޓްގައެވެ. މި ބޯޓު ބެންގަލޫރުން ފުރާފައިވަނީ އެރޭ 8:15 ހާއިރުއެވެ. ބޯޓުން ދަތުރުކުރި އުއްތަރު ޕްރަދޭޝްގެ މައު އަވަށަށް ނިސްބަތްވާ މުޙައްމަދު އަދުނާން ނަމަކަށް ކިޔާ މީހަކު، ބޯޓު ފުރިތާ 15 މިނެޓު ތެރޭގައި އިމަޖެންސީ ދޮރާ ކުޅެން މަސައްކަތް ކުރިއެވެ. ނަމަވެސް، ކްރޫއިންނަށް އެކަން ފާހަގަވެގެން އޭނާއަށް ނަސޭހަތްތެރިވުމުން އެއީ އޮޅުމަކުން ކުރެވުނު ކަމެއް ކަމަށް ބުނެ އޭނާ ހަމައަކަށް އެޅުނެވެ.

ނަމަވެސް، ރޭގަނޑު 10:20 ހާއިރު، ވަރަނާސީގެ ލާލް ބަހާދުރް ޝާސްތްރީ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ތިރިކުރަން ފެށި ވަގުތު އަދުނާން އަލުން އެ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. އެ ވަގުތު ބޯޓު އޮތީ ބިމުން މައްޗަށް އެންމެ 500 ފޫޓު އުސްމިނުގައެވެ. ކްރޫއިންގެ ފަރާތުން މި މައުލޫމާތު ލިބުމާއެކު، ޕައިލެޓް ވަނީ ވަގުތުން ބޯޓު ޖެއްސުން ހުއްޓާލައި އަލުން މައްޗަށް އަރާފައެވެ. އަދި ބޯޓު ރައްކާތެރިކަމާއެކު ޖެއްސުނީ އޭގެ 15 މިނެޓު ފަހުން 10:35 ހާއިރުއެވެ.

ބޯޓު ޖެއްސުމާއެކު އަދުނާން ވަނީ އެއާލައިންގެ ސެކިއުރިޓީއާއި ސީ.އައި.އެސް.އެފް އާ ހަވާލުކޮށްފައެވެ. ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ފުރަތަމަ ބުނީ އެކަން ކުރެވުނު ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ބުނެފައިވަނީ އެކަން ކުރެވުނީ "ޖިންނި އަވަލާފައި" ހުރުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ އަތްލީ އިމަޖެންސީ ދޮރުގެ ހޭންޑްލްގައި ކަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ އާއިލާއަށް މިކަން އަންގާފައިވާ ކަމަށާއި، އާއިލާގެ މީހުން މިހާރު ވަރަނާސީއަށް ދަތުރުކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާގެ ސަބަބުން ބޯޓުން ދަތުރުކުރި އެހެން ފަސިންޖަރުން ތިބީ ވަރަށް ބޮޑަށް ބިރުގެންފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450