ދުނިޔެ
ޣައްޒާގެ ދެ ޕޮލިސް ޕޯސްޓަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަ މީހުން ޝަހީދުވެއްޖެ
އިސްރާއިލުން ޣައްޒާއަށް ހަމަލާދިނުން
ޣައްޒާގައި އިއުލާނުކޮށްފައިވާ ސީޒްފަޔަރ ނުވަތަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ރޭގެ ވަގުތެއްގައި ޣައްޒާގެ ދެކުނުގައި ހުރި ދެ ޕޮލިސް ޕޯސްޓަކަށް ދިން ހަމަލާތަކެއްގައި މަދުވެގެން ހަ ފަލަސްތީީނު ރައްޔިތުން ޝަހީދުވެއްޖެއެވެ.
މި ހަމަލާތަކަކީ ޣައްޒާގެ ސަލާމަތީ ނިޒާމު މުގުރާލައި، ބިރުވެރިކަމާއި ހަމަނުޖެހުން އުފެއްދުމަށް އިސްރާއީލުން ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ބައެއް ކަމަށް ބެލެވެއެވެ.
ޚާން ޔޫނިސް އާއި އެހެނިހެން ސަރަހައްދުތަކަށް ދިން ހަމަލާތައް
ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ހުރި ޕޮލިސް ޕޯސްޓަށް ދިން ހަމަލާގައި ތިން ފުލުހުން ޝަހީދުވިކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ތިބި މީހުންނަށް ބުއިންތައް ފޯރުކޮށްދޭން އުޅުނު އާންމު ރައްޔިތަކާއި ކުޑަކުއްޖަކު ވެސް ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުގެ ކުރީކޮޅު ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކާއި ބޮން އެޅުމުގެ ހަމަލާތަކުގައި ދެބެއިން ހިމެނޭހެން ތިން މީހަކު ޝަހީދުވެ، ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.
މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު ވެސް އިސްރާއީލުން ވަނީ ޣައްޒާގެ މެދުތެރޭގައި ޑިއުޓީގައި ތިބި ފުލުހުންގެ ވެހިކަލަކަށް ހަމަލާދީ ނުވަ ފުލުހުން ޝަހީދުކޮށްލާފައެވެ. ޣައްޒާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އިސްރާއީލުން ފުލުހުންނަށް އަމާޒުކޮށް ހަމަލާދެނީ "ރަމަޟާން މަހުގެ ތެރޭގައި ބާޒާރުތައް ބަލަހައްޓައި، އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް" ކަމަށެވެ.
ޣައްޒާގެ ސަރުކާރުން ބުނާ ގޮތުގައި ފުލުހުންގެ މަރުކަޒުތަކާއި މުވައްޒަފުންނަށް އަމާޒުކޮށް އިސްރާއީލުން ދޭ ހަމަލާތަކަކީ ހަނގުރާމައިގެ ކުށެކެވެ. ސަބަބަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ފުލުހުންގެ މުއައްސަސާތަކަކީ އާންމު ރައްޔިތުންނަށް ޚިދުމަތްދޭ މަދަނީ މުއައްސަސާތަކަކަށް ވާތީއެވެ. ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، މި ހަމަލާތަކުގެ މަގްސަދަކީ ޣައްޒާގެ އަމަންއަމާންކަން ގެއްލުވާލައި، އެ ސަރަހައްދުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތައް އިތުރަށް ފުޅާކުރުމެވެ.
އޮކްޓޯބަރު މަހު އަމަލުކުރަން ފެށި ސީޒްފަޔަރ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލުން ވަނީ 670 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 300 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުން ހިމެނެއެވެ. 2023 އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 72,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.