ޚަބަރު
ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތްތަކަށް އަންނަނީ ކުރިއެރުން ލިބެމުން: ވަޒީރު ޚަލީލް
ޚާރިޖީ ވަޒީރު ޚަލީލް
ރާއްޖެއަށް ދަތިކަމެއް ނެތި ބޭހާއި ކާބޯތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އިތުރު މަގުތައް ހޯދުމަށް ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް މުހިއްމު މަޝްވަރާތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަންދީ، ޚަރަދުތައް ރިވިއުކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ގަލްފް ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ، އެކަމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުން،" ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ އެ ސަރަޙައްދުގައި އުޅޭ ދިވެހިންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލަމުންދާ ކަމަށެވެ. މިގޮތުން އެ ސަރަޙައްދުތަކުގައި ހުރި ދިވެހި އެމްބަސީތަކުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ނުރައްކާ އޮތް ސަރަޙައްދުތަކުގައި އުޅޭ ދިވެހިން މިހާރު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.