ޚަބަރު
މާލޭގެ މޭޔަރަކަށް މޫސާ ޢަލީ ޖަލީލު ހޮވުމަށް އުއްޗު ތާއީދުކުރައްވައިފި
މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރާ މޫސާ ޢަލީ ޖަލީލާއި (ވ) މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) (ކ)------
އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރަކަށް މޫސާ ޢަލީ ޖަލީލު ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައިފިއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މާލޭގެ މޭޔަރަކަށް ވާދަކުރާ މޫސާ ޢަލީ ޖަލީލަށް ތަޢީދުކުރައްވާކަން އުއްޗު ހާމަކުރެއްވީ، އެ ބޭފުޅާއާއެކު ޗަމްޕާގިރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައިކަމަށް ވަނީ "ފަރުދުން"އަށް މަޢުލޫމާތު ލިބިފައެވެ.
އަދި މޫސާ ޢަލީ ޖަލީލަށް ވޯޓު ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް އުއްޗު ވަނީ ވިދާޅުވެފައެވެ.
އުއްޗުގެ އިތުރުން، މަޝްހޫރު އެހެން ވިޔަފާރިވެރިއެއް ކަމުގައިވާ ޤާސިމް އިބްރާޙިމް ވެސް މޫސާ ޢަލީ ޖަލީލަށް ތަޢީދުކުރައްވަން ނިންމެވިކަން ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ.
މޫސާ ޢަލީ ޖަލީލަށް ތާޢީދުކުރައްވާކަން ހާމަކުރައްވަމުން ޤާސިމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަމުގައެވެ. އަދި މާލެ ސިޓީ ހިންގެވުމަށްޓަކައި، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން މާލެ ސިޓީގެ ރައްޔިތުން އެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް އެދިލެއްވިއެވެ.
މީގެ އިތުރުން، މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު އޮތީ ވެސް މޫސާ ޢަލީ ޖަލީލަށްކަން ވަނީ މިދިޔަ ހަފްތާގައި ހާމަކުރައްވާފައެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލެއަށް ބޭނުންވާ ކަންކަން ކޮށްދެވޭނެ ފަދަ ޤާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ. އަދި މާލެއަށް އަޅާނުލެވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، މާލޭގެ ތަރައްގީއަށް މިހާރުގެ ސަރުކާރަކީ އުންމީދެއް ކަމަށެވެ.