ކުޅިވަރު
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅައިފި
ހުޅުމާލެ ފޭސް އެކެއްގައި ބީއެމްއެލްއިން އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ ބިންގާ އެޅުން---
ފަރުދުން
29 މާރިޗު 2026، 10:26
29 މާރިޗު 2026، 10:26
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އެފޯޑަބަލް ހައުސިން މަޝްރޫޢު"ގެ ދަށުން ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އެ މަނިކުފާނުގެ އިތުރުން، މި ބައްދަލުވުމުގައި ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އެފް ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އިބްރާހިމް ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ތެރެއިން ހުޅުމާލޭގައި 182 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައި މިވަނީ އިމާރާތްކުރުމުގެ ދާއިރާއިން ފުންނާބު އުސް ކުންފުއްޏެއް ކަމުގައިވާ އެފް ޑަބްލިއު ކޮންސްޓްރަކްޝަންއާއެވެ.
ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 'އެންމެންނަށް ބޯހިޔާވަހިކަން' ސިޔާސަތަށް ހަލުވި ދުވެއްޔެއްގައި އަމަލީ ސިފަ އަންނަމުންކަމަށެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާރޓްމަންޓުތަކެކެވެ.
ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3ގައެވެ. އެއީ، ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައެވެ.