ޚަބަރު
އައު ވިޔަފާރި ބަނދަރުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށްދަނީ "ޖިއޯ ޓެކްނިކަލް" ސާރވޭ
ތިލަފުށީގައި ޤާއިމްކުރާ ވިޔަފާރި ބަނދަރުގެ މަސައްކަތް / ފޮޓޯ: އެމްޕީއެލް
ފަރުދުން
30 މާރިޗު 2026، 08:17
30 މާރިޗު 2026، 08:17
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށް ދަނީ ފޭސް-1ގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ތެރެއިން "ޖިއޯ ޓެކްނިކަލް" ސާރވޭގެ މަސައްކަތްކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެމް)އިން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ބައިނަލްއަޤުވާމީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަސައްކަތެކެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
އެގޮތުން "ޖިއޯ ޓެކްނިކަލް" ސާރވޭގެ މަސައްކަތް މިހާރު ކުރިޔަށްދާއިރު، އެއީ އިމާރާތްތަކާއި ބުރިޖް، މަގު އަދި ބަނދަރު ފަދަ އިންފްރާސްޓްރަކްޗަރ މަޝްރޫއުތައް ފެށުމުގެ ކުރިން، ބިމުގެ ފަށަލަތަކުގެ ސިފައާއި، ބަރުދަން އުފުލުމުގެ ގާބިލުކަން އަދި ބިންގާ އަޅަން އެންމެ އެކަށީގެންވާ ގޮތްތައް ދެނެގަތުމަށް ކުރާ ސައިންޓިފިކް ދިރާސާއެކެވެ. މިއީ ރައްކާތެރިކަމާއެކު އިންޖިނިއަރިން މަސައްކަތްތައް ކުރުމަށް ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭ މަސައްކަތެކެވެ.
ސީއެޗްއީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް ވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށް ނިންމައި، ފުރިހަމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު އޮތް 5 ހެކްޓަރުގެ ޕޯޓު ބަދަލުވެގެންދާނީ 20 ހެކްޓަރުގެ ޕޯޓަކަށެވެ. މީގެއިތުރުން 650 މީޓަރުގެ ކީ ވޯލް އަކާއި، 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސްއެއް މި ބަނދަރުގައި ޤާއިމްކުރެވޭނެއެވެ. މި ބަނދަރު ފަރުމާކޮށްފައި ވަނީ ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައެވެ.
ތިލަފުށީ ބަނދަރުގެގެ ފޭސް-1ގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތަކެވެ.
— Maldives Ports Limited (@Portmv) March 29, 2026
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ… pic.twitter.com/wBdyFc4ANu
އާ ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށް އެމްޕީއެލްއިން ލަފާކުރެއެވެ. މި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ މާލޭގެ ވިޔަފާރި ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ހުސްކުރެވޭނެއެވެ. މީގެ ސަބަބުން މާލެ، ހުޅުމާލެ ވިޔަފާރި ބަނދަރު އަދި ޓީ-ޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެފައިވަނީ، މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.