ޚަބަރު
މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރައްވައިފި
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮޓޯ:އެމްވީ ޕްލަސް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދައްކަވަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެދިވަޑައިގެންފި އެވެ. މި އިލްތިމާސް ކުރެއްވީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގަރާރަށް މިއަދު މަޖިލީހުގެ ތަޅުމުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
މީކާއިލް އަހުމަދު ނަސީމް ވިދާޅުވެފައިވަނީ އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް ކުރިތް ކުރިޔަށް ނުދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، މަޖިލީހުގެ ވަކިވަކި މެންބަރުން ކޮންޓްރޯލް ކޮށްގެން މަޖިލީހުގެ މުޅި އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މި ވާހަކައަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ މަޖިލީހުގެ ކަރާމާތް ނުގެއްލޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް ދަންނަވާ ކަމަށެވެ. "މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމުގައި ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު، ސަރުކާރުން ބޭނުންވާ ގޮތަށް ނޫނީ މެންބަރުން އަމަލު ނުކުރާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް ފާޑުކިޔަމުން އަންނަ ކަމީ ފާހަގަކުރެވޭ ކަމެކެވެ.