Ads by PNC

ޚަބަރު

10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

ދިހަ ރުފިޔާގެ އައު ނޫޓު ފޮޓޯ: އެމްއެމްއޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 މާރިޗު 2026، 12:57

30 މާރިޗު 2026، 12:57

"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސް، އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރަން ނިންމައިފިއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ އައު ނޫޓުތަކެއް ޗާޕުކޮށްގެން ގެނައީ ބާވެ ހަލާކުވެފައިވާ ނޫޓުތައް ބަދަލުކުރުމަށާއި، ބާޒާރުގައި 10 ރުފިޔާގެ ނޫޓު ހުރި މިންވަރު މަދުވުމާ ގުޅިގެންނެވެ. 10 ރުފިޔާއަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވެފައި، އާންމު ވިޔަފާރި މުއާމަލާތްތަކުގައި މާރުކުރުމަށް ގިނައިން ބޭނުންކުރާ ނޫޓަކަށް ވާތީ، މި ނޫޓުތައް ހަލާކުވާ މިންވަރު އިތުރެވެ. އަދި ބޮޑެތި މުއާމަލާތްތަކުގައި ބޭނުން ނުކުރާތީ، ބޭންކުތަކަށް ޖަމާވާ މިންވަރު މަދުވުމަކީވެސް މި ނޫޓު ލިބުން ދަތިވާ ސަބަބެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

މިއީ "ރަންދިހަފަހެއް" ސީރީޒް ތައާރަފްކުރި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2015 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކު ޗާޕުކުރިއިރު، ދެވަނަ ފަހަރަށް ޗާޕުކުރީ 2018 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކުގައެވެ.

އަލަށް ނެރޭ ނޫޓުތަކުގެ ސިފަތައް:

  • ސޮއި: އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަޙްމަދު މުނައްވަރު.
  • ތާރީޚު: 31 ޖުލައި 2025.
  • ޚާއްޞަ ބަދަލު: ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން (ރ) ހިމަނާފައިވުން.


އެމްއެމްއޭއިން ބުނި ގޮތުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކު އަދި ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކުގައެވެ. މި އައު ނޫޓުތަކާއެކު، މިހާރު ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް ސައްހަ ފައިސާގެ ގޮތުގައި ދައުރުވަމުންދާނެއެވެ.

އިގްތިޞާދުގައި ފައިސާއަށް އޮންނަ ޑިމާންޑަށް ފޫބެއްދުމަށާއި، ދައުރުވާ ނޫޓުތަކަކީ ފެންވަރު ރަނގަޅު ނޫޓުތަކަކަށް ހެދުމަށްޓަކައި ކޮންމެ އަހަރަކުވެސް އައު ނޫޓުތައް ނެރުމަކީ އެމްއެމްއޭއިން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450