ދުނިޔެ
އެމެރިކާއިން އީރާނަށް އަރައިގަންނަން އުޅޭކަމުގެ ތުހުމަތާއެކު ތެލުގެ އަގު 116 ޑޮލަރަށް އުފުލިއްޖެ
ތެޔޮ ސާފުކޮށް ބަންދުކުރާ ކާރުޚާނާއެއް
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެކި ފްރަންޓްތަކުގައި ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނުއުފުލޭ މިންވަރަށް މައްޗަށް ގޮސްފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު ބްރެންޓް ކްރޫޑްގެ އަގު ތިނެއް އިންސައްތައަށްވުރެ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 116 ޑޮލަރަށް އަރާފައެވެ.
ތެލުގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަރައިގަންނަން ތައްޔާރުވަމުންދާ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ޕާލަމެންޓުގެ ރައީސް ވިދާޅުވީ އެމެރިކާ ސިފައިން އަންނަންދެން ތެހެރާނުން އިންތިޒާރު ކުރަމުންދާ ކަމަށާއި، އެމީހުން އައުމުން "އަންދާލައި" ސަރަހައްދީ ބައިވެރިންނަށް އަދަބު ދޭނެ ކަމަށެވެ. މި މަޝްރަހު ގޯސްވެފައިވަނީ އީރާނުގެ ތާއީދު އޮންނަ ހޫޘީން ފުރަތަމަ ފަހަރަށް އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދިނުމާއި، އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް ފުޅާކުރުމާ ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން އީރާނުން ވަނީ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ތެލާއި އެލް.އެން.ޖީ ސަޕްލައިގެ ފަސްބައިކުޅަ އެއްބަޔަށް ބުރޫއަރައި، ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ހަކަތައިގެ ކްރައިސިސްއާ ދުނިޔެ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު ވަނީ 60 އިންސައްތަ އުފުލިފައެވެ. މީގެ އަސަރު އޭޝިއާގެ ހިއްސާގެ ބާޒާރުތަކަށްވެސް ކޮށްފައިވާއިރު، ޖަޕާނުގެ ނިކޭ އިންޑެކްސް އާއި ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ ހަތަރު އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭޕްރީލް 6 ގެ ކުރިން ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ އެއްކޮށް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމަށް 15 ނުކުތާގެ ޕްލޭނެއް ހުށަހަޅުއްވައި، ޕާކިސްތާނު މެދުވެރިކޮށް ކުރިއަށްދާ ވާހަކަތަކުން ކުރިއެރުމެއް ލިބިދާނެ ކަމުގެ އުންމީދު ފާޅުކުރައްވާފައެވެ. "އަހަރެންނަށް ފެންނަނީ އީރާނާއެކު އެއްބަސްވުމަކަށް އާދެވޭތަން، އެއީ ވަރަށް އަވަހަށް ކަމަށްވެސް ވެދާނެ،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.
އީރާނުން ވަނީ ޓްރަމްޕްގެ ޕްލޭން ބަލައިނުގަނެ، އަމިއްލަ ޝަރުތުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ބަދަލު ހޯދުމާއި ހޯރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް އޮތްކަން ގަބޫލުކުރުން ހިމެނެއެވެ. އޮނިކްސް ކެޕިޓަލް ގްރޫޕްގެ ސީއީއޯ ގްރެގް ނިއުމަން ވިދާޅުވީ ތެލުގެ އަގު އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި 120 ޑޮލަރަށްވުރެ މައްޗަށް އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.