ޚަބަރު
ކުރީގެ ރައީސް ޑރ. ވަހީދުގެ ތަޢުރީފް ރައީސް މުޢިއްޒު އަށް
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޣަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ދެއްވި ސްޓޭޓްމަންޓެއްގައެވެ.
ކުރީގެ ރައީސް ވަޙީދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު ރިޔާސީ ދައުރު ބަދަލުވީއިރު ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހުރިއެވެ. އޭގެ ތެރޭގައި ޚާރިޖީ، ދާޚިލީ އަދި އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކެއް ހިމެނެއެވެ. އޭރު ބައެއް ޤައުމުތަކާމެދު ދިވެހީންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަމަށާއި، އިންޑިއާއާއި އޮތް ގުޅުމާމެދުވެސް ސުވާލުތަކެއް އުފެދިފައި ހުރިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަޙީދު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން މާގިނަ ދުވަހެއް ނުވެ އެ ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. މިއާއެކު އިންޑިއާ އަދި ޗައިނާއާ އޮތް ގުޅުން ބަދަހިވެގެން ދިޔަކަމަށާއި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާކުރާ ކަމަކީ ފަލަސްޠީނުގައި ހިނގަމުންދާ ޣަތުލުއާންމު ހުއްޓުވުމަށް ކުރަމުންދާ މިންނެތް މަސައްކަތް ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ. އޯއައިސީ ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްވި ތަޤްރީރަކީ ފަހަކަށް އައިސް ޤައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަޤްރީރު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއް ނޫންކަމަށާއި، ނަމަވެސް ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތްކުރުމަކީ ހުރިހާ އެންމެންގެ ޒިންމާއެއްކަމަށްވެސް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވިއެވެ.
ރައީސް ވަޙީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލާ ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ މައްސަލައަށް ތާއީދުކުރައްވާ ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވާފައިވާކަން އުފަލާއެކު ފާހަގަކުރައްވައެވެ.
ހުޅަނގުގެ އެހީއާއެކު އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ނާތަހުޒީބު އަނިޔާވެރި އަދި ލަދެއްނެތް އަމަލުތަކަކީ މި ވޭތުވެދިޔަ 100 އަހަރުގެތެރޭގައިވެސް ހިންގާފައިވާ އެންމެ ބޮޑު ޖަރީމާ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި އުފެދެމުންދާ އުދާސްތަކާއި، ވޭނާއި ހިތްދަތިކަމުގެ އަސަރު ރައީސް ޑރ. މުޢިއްޒު އިހްސާސްކުރައްވައި އެމަނިކުފާނު ދައްކަވާ ކޮންމެ ވާހަކަފުޅެއްގައިވެސް ސާބިތުކަމާއެކު ފާޅުކުރައްވަމުން ގެންދަވާކަމަށްޓަކައި އަޅުގަނޑު އެމަނިކުފާނަށް ޝުކުރު ދަންނަވަން
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު.
މި ސްޓޭޓްމަންޓުގައި ރައީސް ވަޙީދު ވަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ އެކި ދާއިރާތަކުގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ، ޚާއްޞަކޮށް ފަލަސްޠީނު މައްސަލައިގައި ރައީސް މުޢިއްޒުގެ މަސައްކަތްޕުޅުތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ރާއްޖެ ކުރިމަތިލަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.