ދުނިޔެ

އިސްރާއީލުން ލުބުނާނަށް އަރައިގަނެ ދެމުންދާ ހަމަލާތަކުގައި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ މީހަކު މަރުވެއްޖެ

އިސްރާއީލުން ލުބުނާނަށް އަރައިގަނެ ދެމުންދާ ހަމަލާތަކުގައި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ މީހަކު މަރުވެއްޖެ

އިޒްރާއިލުން ލުބްނާނަށް އަރައިގަނެ ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 02:42

30 މާރިޗު 2026، 02:42

އިސްރާއީލް ސިފައިން ލުބުނާނުގެ ދެކުނަށް އަރައިގަނެ، ހިޒްބުالله ޖަމާއަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، އދ. އިން ލުބުނާނުގައި ގާއިމުކޮށްފައިވާ ސުލްހަ ބަލަހައްޓާ ފައުޖު (ޔުނިފިލް) ގެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

ޔުނިފިލް އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދުޝިތު އަލް ގުސައިރު ކައިރީގައި ހުންނަ ޔުނިފިލްގެ މަރުކަޒަކަށް އަމާޒުވި ގޮވާ އެއްޗެއްގެ ސަބަބުން ސުލްހަ ބަލަހައްޓާ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށެވެ.

 މީގެ އިތުރުން އެހެން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އިންޑޮނޭޝިއާ ސަރުކާރުން ވަނީ މަރުވީ އެ ގައުމުގެ ސިފައިންގެ މީހެއްކަން ކަށަވަރުކޮށްދީފައެވެ.

ޔުނިފިލް އިން ބުނީ މި ހަމަލާ އައީ ކޮން ދިމާލަކުން ކަން އަދި ސާފުނުވާ ކަމަށާއި، އެކަން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. "ސުލްހައިގެ މަސައްކަތުގައި އުޅޭ އެއްވެސް މީހެއްގެ ފުރާނަ މިފަދަ ގޮތަކަށް ގެއްލިގެން ނުވާނެ،" ޔުނިފިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް، އދ. ގެ މުވައްޒަފުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފައެވެ.

އިސްރާއީލުގެ ބޮޑު އެއްގަމު އޮޕަރޭޝަނެއް
އިސްރާއީލުން މިހާރު ވަނީ ލުބުނާނުގެ ދެކުނުގައި ކުރިއަށްގެންދާ އޮޕަރޭޝަން ފުޅާކޮށް، ބޮޑު އެއްގަމު ހަމަލާއަކަށް ބަދަލުކޮށްފައެވެ. އިސްރާއީލުގެ އަމާޒަކީ ލިޓާނީ ކޯރާ ހަމައަށް އޮތް ސަރަހައްދުތައް ހިފައި، އިސްރާއީލުގެ ބޯޑަރުން ފެށިގެން 30 ކިލޯމީޓަރުގެ ރައްކާތެރި ސަރަހައްދެއް ގާއިމުކުރުމެވެ. މިދިޔަ ހަފުތާއިން ފެށިގެން އިސްރާއީލް ސިފައިން ދަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަދެގަންނަމުންނެވެ.

މި ހަމަލާތަކުގެ ތެރޭގައި ހޯމަ ދުވަހު އިސްރާއީލުން ވަނީ ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއްވެސް ދީފައެވެ. މިއީ މިދިޔަ ހުކުރު ދުވަހަށްފަހު އެ ސަރަހައްދަށް ދިން ފުރަތަމަ ހަމަލާއެވެ. އިސްރާއީލުން ބުނަނީ އެ ސަރަހައްދުތަކުގައި ހިޒްބުاللهގެ އަސްކަރީ މަރުކަޒުތައް ހުރި ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

މި ހަނގުރާމަ ފެށިފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާ އަޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ހިޒްބުالله އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ. އޭގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް ހިޒްބުالله އިން އައީ ބޯލަނބަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450