ދުނިޔެ
އީރާނުގެ ހާރްގް ހިފުމަށް އެގައުމަށް އަރައިގަންނަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މައި މަރުކަޒު ކަމަށްވާ ހާރްގް އައިލެންޑް ހިފުމަށްފަހު އެގައުމުގެ ތެޔޮ އަތުލަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެއެވެ.
ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ މި ރޭވުމާ ދެކޮޅު ހަދާ އެމެރިކާގެ ރައްޔިތުންނަކީ "މޮޔަ ބައެއް" ކަމަށް ސިފަކުރައްވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނާ މެދު ގެންގުޅޭ ސިޔާސަތު ވެނެޒުއޭލާއާ ތަފާތެވެ. ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ހައްޔަރުކުރުމަށްފަހު އެގައުމުގެ ތެޔޮ ސިނާއަތް މުއްދަތެއް ނެތް ގޮތަށް ކޮންޓްރޯލް ކުރުމަށް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. "ތެދަށް ބުނާނަމަ، އަހަރެން އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން. އެކަމަކު އެމެރިކާގެ ބައެއް މޮޔަ މީހުން ސުވާލު ކުރޭ ކީއްވެހޭ ތިހެން ހަދަނީ؟ އެއީ ވަރަށް މޮޔަ ބައެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނާއި އިޒްރޭލުގެ ހަނގުރާމަ ފަސްވަނަ ހަފްތާއަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާއިން އަންނަނީ މެދުއިރުމައްޗަށް ސިފައިން އިތުރު ކުރަމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި ޔޫއެސްއެސް ޓްރިޕޮލީ މަރުކަޒުކޮށް އިތުރު 3,500 ސިފައިން މިހާރު ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އީރާނުގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ހާރްގް އައިލެންޑް ހިފުމާ ބެހޭގޮތުން އެމެރިކާގެ ސަރުކާރުގެ ތެރޭގައި މަޝްވަރާ ކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން އީރާނުގެ ބިމަށް އަރައިފިނަމަ، އެމީހުން އަންދާލައި ސަރަހައްދީ ބައިވެރިންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި މި އޮޕަރޭޝަނަށް އެހީތެރިވާ ކޮންމެ ގައުމެއްގެ މުހިންމު ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބްރެންޓް ކްރޫޑްގެ އަގު މިހާރު ވަނީ ފީފާއެއް 116 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އީރާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 2,076 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 216 ކުޑަކުދިން ހިމެނެއެވެ.
މަސްރަހު ފިނިކުރުމުގެ ގޮތުން ޕާކިސްތާން، ސައުދީ އަރަބިއްޔާ، މިސްރު އަދި ތުރުކީގެ އިސް ޑިޕްލޮމޭޓުން މިހާރު ދަނީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބައްދަލުކުރަމުންނެވެ. މި ދަނޑިވަޅުގައި ރައީސް ޓްރަމްޕް ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއްވެސް ހުށަހަޅުއްވާފައެވެ.