ދުނިޔެ / ރިޕޯޓް

ޕާކިސްތާނުގެ އިސްނެގުމާއެކު ކުރާ މަސައްކަތުން ހަނގުރާމަ ހުއްޓުވިދާނެތޯ؟

ޕާކިސްތާނުގެ އިސްނެގުމާއެކު ކުރާ މަސައްކަތުން ހަނގުރާމަ ހުއްޓުވިދާނެތޯ؟

އިރާނާއި އެމެރިކާ އަދި އިސްރާއިލާ ދެމެދު ކުރެވުމުންދާ ހަނގުރާމަ ހުއްޓުވުމަށް ޞުލްޙައިގެ ވާހަކަތަކަށް ދަނީ ތައްޔާރުވަމުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 07:30

30 މާރިޗު 2026، 07:30

ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން މިދިޔަ ހަފުތާ ބަންދުގައި އިސްލާމްއާބާދަށް ވަޑައިގަތުމަކީ، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނުބައި އަސަރުތަކާއި، އީރާނުން ސަރަހައްދީ ފެންވަރުގައި ދެމުންދާ ބަދަލުހިފުމުގެ ހަމަލާތައް ކޮންޓްރޯލް ކުރުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ދެ ހަފުތާއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ބޭއްވި ދެވަނަ ބައްދަލުވުމެވެ.

އާދީއްތަ ދުވަހުގެ މަޝްވަރާތަކަށްފަހު ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްހާގު ދާރު ކަށަވަރުކޮށްދެއްވި ގޮތުގައި، ސީދާ ވާހަކަތަކަށް މަގުފަހިކޮށްދިނުމަށް އެމެރިކާ އާއި އީރާނުން ވެސް ޕާކިސްތާނަށް އިތުބާރު ކުރާކަން ވަނީ ހާމަކޮށްފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، "ކުރިއަށް އޮތް ދުވަސްތަކުގައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ފުރިހަމަ އަދި ދާއިމީ ހައްލެއް ހޯދުމަށް" އެ ފަރާތްތަކަށް މަރުހަބާ ކިޔުމަކީ އިސްލާމްއާބާދަށް ލިބޭ "ޝަރަފެއް" ކަމެވެ.

މީގެ އިތުރުން، ހަތަރު ވަޒީރުން ހަނގުރާމައާ ގުޅޭގޮތުން "ވަރަށް ތަފްސީލީ އަދި ފުން މަޝްވަރާތަކެއް" ބޭއްވި ކަމަށާއި، މަސްރަހު ކޮންޓްރޯލް ކުރުމަށާއި، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ ނުރައްކާ ކުޑަކުރުމަށާއި، އިންތިޒާމުވެގެން ކުރިއަށްދާ މަޝްވަރާތަކަށް މަގުފަހިކުރުމަށް "އެއްބައިވަންތަކަން" އާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި މަރުހަލާ ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅުމަށްޓަކައި، ކޮންމެ ޚާރިޖީ ވުޒާރާއަކުން އެއް އޮފިޝަލަކު ހިމެނޭ ގޮތަށް ހަތަރު ސީނިއާ އޮފިޝަލުންގެ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ދާރުގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން، މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއާތީ އަދި ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދެވެ.

 މި ހަތަރު ގައުމުގެ ބައްދަލުވުން އެންމެ ފުރަތަމަ ބޭއްވީ މާރިޗު 19 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޟްގައި އޮތް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ބޮޑު މަޝްވަރާ ބައްދަލުވުމުގެ ހަވާސާގައެވެ. ފުޅާ ދާއިރާއެއްގައި ފެށުނު މި މަސައްކަތް މިހާރު ވަނީ ހަތަރު ގައުމެއް ގުޅިގެން ކުރިއަށްގެންދާ ސުލްހައިގެ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ. މީގައި އިރާނާއި އެމެރިކާއާއި ދެމެދު މުއާމަލާތް ކުރާ މައިގަނޑު މެދުވެރިއަކީ ޕާކިސްތާނެވެ.

 އޭގެ ގަޑިއިރުތަކެއް ފަހުން، އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ "އެންމެ ބޭނުންވާ ކަމަކީ އީރާނުގެ ތެޔޮ އަތުލުން" ކަމަށެވެ. އަދި އީރާނުގެ ސާފުނުކުރާ ތެލުގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭރުކުރާ މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑް ހިފުމުގެ ފުރުސަތު އޮތްކަމަށް ވެސް ވިދާޅުވިއެވެ.

"ފަހަރުގައި އަހަރެމެން ޚާރްގް އައިލެންޑް ހިފާފާނެ، ނުވަތަ ނުހިފާފާނެ. އަހަރެމެންގެ އަތުގައި ވަރަށް ގިނަ އިޚްތިޔާރުތައް އެބަހުރި،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ "މަންދޫބުން" މެދުވެރިކޮށް ކުރިއަށްދާ ނުސީދާ ވާހަކަތަކުގައި ކުރިއެރުންތަކެއް ލިބެމުންދާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ. އަދި އީރާނުން އެއްބަސްވުމެއް ގަބޫލުކުރުމަށް ނުވަތަ އެމެރިކާއިން އެގައުމުގެ ހަކަތައިގެ ދާއިރާއަށް ހަމަލާދިނުމާ ކުރިމަތިލުމަށް، މާރިޗު 26 ގައި ޓްރޫތު ސޯޝަލް މެދުވެރިކޮށް އޭނާ ކަނޑައެޅި އޭޕްރީލް 6 ގެ ސުންގަޑި އަލުން ހަނދާންކޮށްދެއްވިއެވެ.

ނަމަވެސް، އާދީއްތަ ދުވަހު އެއާ ފޯސް ވަން މަތިންދާބޯޓުގައި ހުންނަވައި ޓްރަމްޕް ވިދާޅުވީ، "އީރާނާއެކު އެއްބަސްވުމެއް ފެނޭ، އާނ. އެއީ ވަރަށް އަވަހަށް ވެސް ވެދާނެ ކަމެއް،" ކަމަށެވެ. އަދި މަޝްވަރާތައް ކުރިއަށްދަނީ "ވަރަށް ރަނގަޅަށް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ތަފާތު ދެ ގޮތަކަށް ހުރި ވާހަކަތަކުން ހާމަވަނީ ޕާކިސްތާނުގެ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުމެވެ. އިސްލާމްއާބާދާއި އެގައުމުގެ ބައިވެރިން މަސްރަހު އިތުރަށް ގޯސްވިޔަނުދިނުމަށްޓަކައި ގިނަ ގައުމުތަކެއް ހިމެނޭ އޮނިގަނޑެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ދިއުމާއި ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުގަދަވަމުން ދިއުމާއެކު، ހަނގުރާމަ މިސްރާބު ޖަހާފައިވަނީ މުޅިން އިދިކޮޅަށެވެ.

މަސްރަހު ގޯސްވަމުންދާއިރު އެޅޭ 'ކުދި ފިޔަވަޅުތައް'

ޕާކިސްތާނުގެ ކުރީގެ އިންފޮމޭޝަން މިނިސްޓަރު، ސެނެޓަރު އަދި ޚާރިޖީ ސިޔާސަތު ދިރާސާކުރައްވާ މުޝާހިދު ހުސައިން ސައްޔިދު ވިދާޅުވި ގޮތުގައި، އިސްލާމްއާބާދު ބައްދަލުވުން ތިން ސަބަބަކަށްޓަކައި މުހިންމެވެ.

 އޭނާ އެ ބައްދަލުވުން ސިފަކުރެއްވީ، މަޝްވަރާއަށް މަގުފަހިކުރުމަށްޓަކައި އިސްލާމީ ދުނިޔެއިން އިސްނަގައިގެން ފެށި ފުރަތަމަ މުއައްސަސާވީ ހަރަކާތުގެ ގޮތުގައެވެ.ސައްޔިދު ވިދާޅުވި ގޮތުގައި، އީރާނުގެ އަވަށްޓެރި ދެ ގައުމު ކަމަށްވާ ޕާކިސްތާނާއި ތުރުކީއަކީ މިވަގުތު ތިބި އެންމެ އިތުބާރު ހުރި މެދުވެރިންނެވެ.

 އޭގެ ތެރެއިން އެއް ގައުމަކީ ނިއުކްލިއާ ބާރެއް އޮތް ގައުމަކަށް ވާއިރު، އަނެއް ގައުމަކީ ނޭޓޯގެ މެންބަރެކެވެ. "އިރާނާއި އެމެރިކާއާއި ދެމެދު މުއާމަލާތް ކުރުމުގެ ފާލަމެއްގެ ގޮތުގައި ޕާކިސްތާނަށް އީރާނާއި އެމެރިކާއިން ވެސް އިތުބާރު ކުރެއެވެ. އަދި ކުރިމަގުގައި ބާއްވާ ސުލްހައިގެ ވާހަކަތަކަށް އެންމެ އެކަށީގެންވާ މަންޒިލަކީ ވެސް އެއީ ކަމަށް ވުން އެކަށީގެންވެއެވެ،" އޭނާ އަލްޖަޒީރާއަށް ވިދާޅުވިއެވެ.

 ނަމަވެސް، ހުރި ހުރަސްތަކާ މެދު އޭނާ ވާހަކަދެއްކެވީ ވަރަށް ސީދާކޮށެވެ. "މިއީ ދުވަހުން ދުވަހަށް ގޯސްވަމުން އަދި އޮޅުންބޮޅުން ބޮޑުވަމުންދާ ހަނގުރާމައެއްގެ މާހައުލެއްގައި، ޑިޕްލޮމަސީގެ ގޮތުން އެޅޭ ވަރަށް ކުދި ފިޔަވަޅުތަކެއް،" ސައްޔިދު ވިދާޅުވިއެވެ.

 ޕާކިސްތާނުން އެމެރިކާއަށާއި އދ. އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު މަސްއޫދު ޚާން ވިދާޅުވީ، މި ބައްދަލުވުމުގެ ސަބަބުން ޑިޕްލޮމެޓިކް މަގެއް ހުޅުވިފައިވާ ކަމަށެވެ.

މިއީ މީގެ ކުރިން ކުރެވުނު މަސައްކަތްތަކާއި، މެދުނުކެނޑި ކުރެވުނު މުއާމަލާތްތަކާއި، އެމެރިކާއާއި އީރާނު މަޝްވަރާގެ މޭޒަށް ގެނައުމަށް ސިއްރިއްޔާތުގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 އޭނާ ވިދާޅުވި ގޮތުގައި، 'ކޮމިޓީ އޮފް ފޯ' މެދުވެރިކޮށް، ސަރަހައްދީ އެއްބަސްވުމަކާއެކު "ފިޔަވަޅަކުން ފިޔަވަޅަކަށް، ބައިބަޔަށް ބެހިގެންވާ އަދި ވަކި ހަމަތަކެއްގެ މަތިން ކުރިއަށްދާ" ނިޒާމީ މުއާމަލާތްތަކަކަށް މަގުފަހިވެގެންދެއެވެ.

 ޚާން ވަނީ ކުރިއަށް އޮތް ހަތަރު މަރުހަލާއެއް ފާހަގަކުރައްވާފައެވެ. އެގޮތުން އިތުބާރު އުފެއްދުމުގެ ފިޔަވަޅުތައް، ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް، ނިއުކްލިއާ ޕްރޮގްރާމާއި ހޯރްމޫޒް ކަނޑުއޮޅި ހިމެނޭ ގޮތަށް ހުރި އުނދަގޫ މައްސަލަތަކާ ބެހޭ ސީދާ ވާހަކަތައް، އަދި އެންމެ ފަހުން ދެފަރާތުން ވެސް އިލްތިޒާމްތަކެއްގެ މައްޗަށް އެއްބަސްވުމެވެ.

ނަމަވެސް، ބޮޑެތި ހުރަސްތަކެއް ހުރިކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. "ހަނގުރާމައިގެ ބަދަލު ހޯދުމަށް އިރާނުން ކުރާ ޑިމާންޑްތަކާއި، ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އޮތް ސިޔާދަތީ ބާރުގެ މައްސަލައަކީ ހައްލުކުރަން އެންމެ އުނދަގޫވާނެ މައްސަލަތަކަށް ވުން ގާތް،" ޚާން އަލްޖަޒީރާއަށް ވިދާޅުވިއެވެ.

 ވަޒީރުންގެ ބައްދަލުވުމުގެ ކުރިން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި 90 މިނެޓުގެ މަޝްވަރާއެއް ކުރައްވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ސުލްހައިގެ ވާހަކަތަކަށް "ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި" އެމެރިކާއާއި، ގަލްފްގެ ގައުމުތަކާއި، އަދި އިސްލާމީ އެހެން ގައުމުތަކާ އެކު އިސްލާމްއާބާދުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ބޮޑުވަޒީރު ވަނީ ރައީސަށް އަރުވާފައެވެ.

 ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ މި އިސްނެގުމަށް ބެއިޖިންގްގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ މިކަމަށް ތާއީދު ކުރައްވާފައެވެ. ޕާކިސްތާނުގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ ޕާކިސްތާނުގެ މަސައްކަތްތަކަށް ޗައިނާއިން "ވަރަށް ބޮޑަށް ތާއީދުކުރާ" ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ވަންގްގެ ދައުވަތަކަށް ދާރު މާޗް 31 ގައި ޗައިނާއަށް ޒިޔާރަތް ކުރައްވާނެއެވެ.

 "މި ޒިޔާރަތުގެ ސަބަބުން ސަރަހައްދީ ކުރިއެރުންތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭގޮތުން ފުންކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ދެ ފަރާތަށް ލިބިގެންދާނެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

 ދާރުގެ ދަރިފުޅު ބުނި ގޮތުގައި، އާދީއްތަ ދުވަހު މިސްރުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނިކޮށް ވެއްޓިވަޑައިގަތުމުގެ ސަބަބުން ދާރުގެ ކޮނޑުހުޅުގެ ކަށިގަނޑުގައި ވަނީ ރެނދެއްލާފައެވެ.

 ނަމަވެސް، ބޭސްވެރިންގެ ލަފައާ ޚިލާފަށް އޭނާ މި ޒިޔާރަތް ކުރައްވަނީ ޕާކިސްތާނާއި ޗައިނާގެ ގުޅުމަށް ދޭ އަހައްމިއްޔަތުކަން ހާމަކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

 ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ދެ ފަރާތުން ރަސްމީކޮށް ހުށަހަޅާފައިވާ ކަންކަން ހުރީ އެއްގޮތަކަށްވެސް އެއްބަސްވެވޭ ފަދަ ގޮތަކަށް ނޫނެވެ. ޕާކިސްތާނު މެދުވެރިކޮށް އިރާނަށް ފޮނުވި އެމެރިކާގެ 15 ނުކުތާގެ ރޭވުމުގައި ހިމެނެނީ، އެއް މަސްދުވަހުގެ ސުލްހައިގެ އެއްބަސްވުމަކާއި، އީރާނުން މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކޮށްފައިވާ ތަކެތި ހަވާލުކުރުމާއި، އިތުރަށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާއި، ތެހެރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް ހުރަސްތަކެއް އެޅުމާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމެވެ.

 ދައުލަތުގެ މީޑިއާ ކަމަށްވާ ޕްރެސް ޓީވީން، ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ އީރާނުގެ އިދިކޮޅު ހުށަހެޅުމުގައި ގޮވާލާފައިވަނީ، އުދުވާނުތަކާއި މީހުން މެރުން ހުއްޓާލުމަށާއި، އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ވަރުގަދަ ޔަގީންކަން ދިނުމަށާއި، ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށާއި، އީރާނުގެ ބައިވެރިންނާ ދެކޮޅަށް ހިންގާ ހަމަލާތައް ހުއްޓާލުމަށާއި، ހޯރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ސިޔާދަތީ ބާރު އޮތްކަން ރަސްމީކޮށް ގަބޫލުކުރުމަށެވެ.

 އާދީއްތަ ދުވަހު އެއާފޯސް ވަން މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، 15 ނުކުތާގެ ތެރެއިން "ގިނަ" ނުކުތާތަކަށް އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. ހޯމަ ދުވަހު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވަނީ މެދުވެރިން މެދުވެރިކޮށް އެ ގައުމަށް މެސެޖުތައް ލިބިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުންތަކަކީ "ހަގީގަތާ ހިލާފު، ބުއްދިއަށް ގަބޫލުނުކުރެވޭ އަދި އިންތިހާއަށް ބޮޑު" ހުށަހެޅުންތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކުން ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމާމެދު ބަގާއީ ޝައްކު އުފެއްދެވިއެވެ. "ޕާކިސްތާނުން ބާއްވާ ބައްދަލުވުންތަކަކީ އެމީހުން އަމިއްލައަށް އެކުލަވާލާފައިވާ އޮނިގަނޑެއް، އޭގައި އަހަރެމެން ބައިވެރިއެއް ނުވަން،" އޭނާ ވިދާޅުވިއެވެ.

"ހަނގުރާމަ ހުއްޓާލުމާ މެދު ސަރަހައްދުގެ ގައުމުތަކުން ކަންބޮޑުވުމަކީ ރަނގަޅު ކަމެއް، އެކަމަކު ހަނގުރާމަ ފެށީ ކޮން ފަރާތަކުންކަން އެ ގައުމުތަކުން ވިސްނަންވާނެ." ކުރީގެ ޑިޕްލޮމޭޓެއް ކަމަށްވާ ޚާން ވިދާޅުވީ އީރާނުގެ ޝައްކުތައް ވަރަށް ބޮޑު ކަމަށެވެ.

 "އީރާނުން ތުހުމަތުކުރަނީ މި ޑިޕްލޮމެޓިކް މަރުހަލާއަކީ އެ ގައުމުގެ އައްސޭރިފަށަށާއި، ކައިރީގައިވާ ރަށްތަކަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅިއަށް އެއްގަމު މަގުން ހަމަލާދިނުމަށްޓަކައި ކުރާ އޮޅުވާލުމެއް ކަމަށް. މިހާ ބޮޑަށް އުފެދިފައިވާ އިތުބާރު ނެތުމުގެ މައްސަލަ އެއްރޭ ތެރޭގައި ހައްލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އަދި އިންސާނީ އަދި އަސްކަރީ ގޮތުން ލިބެމުންދާ ބޮޑެތި ގެއްލުންތަކަށް ބަލާއިރު، އިތުބާރު އުފެއްދުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ. ތެހެރާނުގެ ޕާޝިއަން ގަލްފް ސްޓަޑީޒް ގްރޫޕްގެ ޑިރެކްޓަރު ޖަވާދު ހައިރާން-ނިއާ ވިދާޅުވީ، އެއްވެސް ފެށުމެއްގެ މަޝްވަރާއެއްގައި ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް "ބަލި ގަބޫލުކުރެވުނު" ކަމުގެ އިހުސާސް ނުވާނެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

 "މަޝްވަރާގެ އޮނިގަނޑު އޮންނަންވާނީ އެއްވެސް ފަރާތަކުން ދޫދިނީ ކަމަށް އިހުސާސް ނުވާނެ ގޮތަކަށް، އަދި ކުރު މުއްދަތެއްގައި މަދު ހަރަދަކުން ނަތީޖާ ނެރެވޭނެ ކަންކަމަށް އިސްކަންދީގެން،" އޭނާ އަލްޖަޒީރާއަށް ކިޔައިދިނެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަގީގީ ފުރަތަމަ ފިޔަވަޅަކަށް ވާނީ އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުތައް ދިގު މުއްދަތަކަށް ފަސްކުރުމަށް އެމެރިކާއިން ވައުދުވުމާއި، ތިންވަނަ ގައުމުތަކުން ވަގުތީ އިންތިޒާމުތަކަށް ޔަގީންކަން ދިނުމެވެ.

 ޖޯޖް މޭސަން ޔުނިވާސިޓީގެ އެޑްޖަންކްޓް ޕްރޮފެސަރު ރިޒާ ޚާންޒާދާ ވިދާޅުވީ، ދޫދިނުމުގެ ބޮޑު ޒިންމާ އޮތީ ވޮޝިންޓަނުގެ ބޮލުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އީރާނުން ގަބޫލުކުރަނީ އެ ގައުމުގެ ޝަރުތުތަކާ އެއްގޮތަށް ނޫން ގޮތަކަށް ކުރެވޭ އެއްވެސް އެއްބަސްވުމަކީ މުސްތަގުބަލުގައި ހަމަލާތަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ވެރިކަން ދެމެހެއްޓުމަކީ އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫނެވެ. "ނިއުކްލިއާ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި، ސަރަހައްދީ ހަނގުރާމަވެރިންނަށް ދޭ އެހީތެރިކަމާ މެދު ދޫދިނުމަށް އެމީހުން ތައްޔާރުވެދާނެ،" އޭނާ ވިދާޅުވިއެވެ.

"ނަމަވެސް އީރާނުގެ ދައުލަތުގެ ދެމިއޮތުމާ މެދު ތެހެރާނުން އެއްވެސް ދޫދިނުމެއް ނުދޭނެ. އެހެންކަމުން، ކިތަންމެ ދިގު މުއްދަތަކަށް ވިޔަސް ހަނގުރާމަކުރަން އީރާނު އޮތީ ތައްޔާރަށް." އަދި އެމެރިކާގެ އެތެރޭގެ މަސްރަހުން ކުރިމަތިވަމުންދާ ފިއްތުންތަކަށް އިޝާރާތްކުރައްވައި އޭނާ ފާހަގަކުރެއްވީ، ތެލުގެ އަގު ބޮޑުވުމާއި ހަނގުރާމައާ މެދު އާންމުންގެ ކަންބޮޑުވުންތަކުގެ ސަބަބުން، އެންމެ ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި ޓްރަމްޕަށް އޮތް ތާއީދު 36 އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ.

 "އިސްރާއީލުން އީރާނަށާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި، ދާދިފަހުން ހިފާފައިވާ ލުބުނާނުގެ ސަރަހައްދުތަކުން ފޭބުމަށް އެމެރިކާއިން ޔަގީންކަން ދިނުން. ނަމަވެސް، އެއީ ބުނާހާ ފަސޭހަ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

 ހޯރްމޫޒް ކަނޑުއޮޅިއާއި އިގްތިސާދީ ފިއްތުންތައް ޕާކިސްތާނުގެ ދެދިފަހަރުގެ ދިދަ ޖަހާފައިވާ 20 އުޅަނދެއް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވުމަކީ، މިވަގުތު މަޝްވަރާގެ މޭޒުމަތީގައި އޮތް އިތުބާރު އުފެއްދުމުގެ އެންމެ އަވަސް ފިޔަވަޅެވެ. މިކަން ހަފުތާ ބަންދުގައި ދާރު ކަށަވަރުކޮށްދެއްވާފައިވާއިރު، ޓްރަމްޕް ވެސް ވަނީ އެކަން ގަބޫލުކުރައްވާފައެވެ.

އާންމު ދަތުރުފަތުރުތަކަށް އެ ކަނޑުއޮޅި އަދިވެސް އޮތީ ބަންދުވެފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން މި ހުރަސްތައް ސިފަކޮށްފައިވަނީ 1973 އަދި 1979 ވަނަ އަހަރުގެ ކްރައިސިސްތަކަށްވުރެ ވެސް ނުރައްކާތެރި، ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ތެލުގެ ލޮޅުމުގެ ގޮތުގައެވެ. ހޯމަ ދުވަހުގެ ހެނދުނު އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން 50 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެކެވެ.

 ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ ޑައިރެކްޓަރ ޖެނެރަލް އެންގޯޒީ އޮކޮންޖޯ-އިވޭލާ ވިދާޅުވެފައިވަނީ ދުނިޔޭގެ ވިޔަފާރިއަށް ފާއިތުވި 80 އަހަރު ތެރޭގައި ކުރިމަތިނުވާ ފަދަ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން ޗައިނާ އިންސްޓިޓިއުޓްގެ ފައުންޑިންގ ޗެއާމަން ސައްޔިދު ވިދާޅުވީ، އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ މައްސަލައިގެ އަސްލު ނޫން ކަމަށާއި، އެއީ ހަނގުރާމައިގެ ސަބަބުން ނުކުތް ނަތީޖާއެއް ކަމަށެވެ.

1973 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ސައުދީ ރަސްގެފާނު ފައިސަލް ބިން އަބްދުލްއަޒީޒް އަލް ސައުދު، އަރަބި-އިސްރާއީލް ހަނގުރާމައިގައި އެމެރިކާއާއި އޭގެ ބައިވެރިން އިސްރާއީލަށް ތާއީދުކުރުމުގެ ބަދަލުހިފުމެއްގެ ގޮތުން ތެޔޮ އެކްސްޕޯޓްކުރުން ހަތިޔާރަކަށް ހައްދަވައި، ތެޔޮ ފޯރުކޮށްދިނުން ހުއްޓާލައި ދުނިޔޭގެ ހަކަތައިގެ ކްރައިސިސްއެއް އުފެއްދެވި ފަދައިން، އީރާނުން ވެސް އެމެރިކާ-އިސްރާއީލުގެ އަސްކަރީ ބާރުގެ ކުރިމަތީގައި އިގްތިސާދީ ހުރަސްތަކެއް ކުރިމަތިކުރުވުމަށް ކަނޑުއޮޅީގެ ބޭނުން ހިފާފައިވާ ކަމަށް އޭނާ ވަކާލާތު ކުރެއްވިއެވެ. ކަނޑުއޮޅިއަކީ އެއްވެސް ހައްލެއްގެ މައިގަނޑު އަސާސްގެ ގޮތުގައި ނުބެލުމަށް ޚާން އިންޒާރު ދެއްވިއެވެ.

 "ހޯރްމޫޒް ކަނޑުއޮޅީގެ މައްސަލައަކީ ފަހުން ހައްލުކުރަންޖެހޭ އިތުރު މައްސަލައެއްގެ ގޮތުގައި އޮންނާނެ ކަމެއް. އަދި އެކަމަށް ހައްލެއް ހޯދަން ޖެހޭނީ ޕާޝިއަން ގަލްފުގެ އައްސޭރިފަށުގެ އަށް ގައުމުން، އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނު (UNCLOS) އާއި ގާއިމުވެފައިވާ ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށްގެން،" އޭނާ ވިދާޅުވިއެވެ.

 އޭނާ ވަކާލާތު ކުރެއްވި ގޮތުގައި، މިވަގުތުގެ އެންމެ އިސްކަމަކީ ހަނގުރާމަވެރި އަމަލުތައް ފުޅާ ދާއިރާއެއްގައި ހުއްޓާލުމެވެ.

"އިތުބާރު އުފެއްދުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނގުރާމަވެރި އަމަލުތައް މެދުކަނޑާލުން. ހަނގުރާމަކުރާ ފަރާތްތަކަށް އަރާމެއް ލިބި، ސުލްހަ ގާއިމުކުރާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ފަދަ ހަނގުރާމަ ހުއްޓާލުމެއް ގެނައުން،" އޭނާ ވިދާޅުވިއެވެ.

ހައިރާން-ނިއާ ހުށަހެޅުއްވީ މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ދިއުމަށެވެ. "ފުރަތަމަ، ވަކި މިންވަރަކަށް ހަނގުރާމަ ހުއްޓާލުމަށާއި އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން. ދެވަނަ މަރުހަލާގައި، ނާޒުކު ސަރަހައްދުތަކުގައި ތިބި ސިފައިން މަދުކޮށް، މައުލޫމާތު ބަދަލުކުރުމަށް ސިއްރު މަގުތަކެއް ގާއިމުކުރުން. އަދި އޭގެ ފަހުން ފުޅާ ދާއިރާއެއްގައި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދިއުން،" ތެހެރާންގައި ހުންނަ އެނަލިސްޓް ވިދާޅުވިއެވެ.

 އޭނާ އިތުރަށް ވިދާޅުވީ، ސިފައިން ފޭބުމުގެ ކޮންމެ ކަމަކީ މިނެކިރޭނެ ކަމަކަށް ވާންޖެހޭނެ ކަމަށާއި، މެދުވެރިން "ސިއްރު ޗެނަލެއް" ގެ ގޮތުގައި މަސައްކަތްކޮށް ދެފަރާތުން ވެސް އެއްބަސްވުންތަކަށް އަމަލުކުރާކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. ހުރަސްތަކުގެ މައްސަލަ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، އަސްކަރީ ހަރަކާތްތައް ދަނީ އިތުރަށް ވަރުގަދަވަމުންނެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (CENTCOM) އިން ބުނި ގޮތުގައި، ޔޫއެސްއެސް ޓްރިޕޮލީ އިސްވެ އޮވެ، ގާތްގަނޑަކަށް 3,500 މެރިންސް އަދި ފަޅުވެރިން ހިމެނޭ އެމްފިބިއަސް ޓާސްކް ފޯހެއް ހުކުރު ދުވަހު އެ ސަރަހައްދަށް ވަނީ އައިސްފައެވެ. މީގެ އިތުރުން، 2,200 މެރިންސް ގަލްފަށް ދަތުރުކުރަމުންދާއިރު، އާމީގެ 82 ވަނަ އެއާބޯން ޑިވިޜަންގެ 2,000 ސިފައިން ވެސް ދަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުންނެވެ.

ޢަސްކަރީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އަދިވެސް އޮތްކަން ޓްރަމްޕް ވަނީ ސާފުކޮށްދެއްވާފައެވެ. އެހެން ރިޕޯޓްތައް ބުނާގޮތުން، ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ އެއްގަމު މަގުން ހިންގާ އޮޕަރޭޝަންތަކަކަށް ޕެންޓަގަން އިން ދަނީ ތައްޔާރުވަމުންނެވެ. އޮކްޓޫބަރު 2023 ގައި ގާޒާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހަނގުރާމައެއް ފަށައި، އޭގެ ފަހުން ދެވަނަ ފަހަރަށް ލުބުނާނުގެ ދެކުނަށް އަރައިގަނެފައިވާ އިސްރާއީލުން، އާދީއްތަ ދުވަހު އަނެއްކާވެސް ތެހެރާނަށް ހަމަލާދީފައެވެ.

ފެބްރުއަރީ 28 ގައި ދިން ފުރަތަމަ ހަމަލާތަކުގައި އެމެރިކާ އާއި އިސްރާއީލުގެ ސިފައިން ވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އެހެނިހެން އިސް ވެރިން އަވަހާރަކޮށްލާފައެވެ. އޭގެ ފަހުން މާރިޗު 17 ގައި ސަލާމަތީ ކަންކަމާ ބެހޭ އިސް އޮފިޝަލް އަލީ ލާރިޖާނީ ވެސް ވަނީ މަރާލާފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ހުންނަ ސަރަހައްދަށް ހަމަލާއެއް އަމާޒުވި ނަމަވެސް، އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ގައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަނުން ބުނެއެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަވާ އިސްރާއީލުގެ ސަފީރު ޑެނީ ޑެނަން ބުނީ، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ގާބިލުކަން ނައްތާލެވެންދެން އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ އެއްވެސް މަޝްވަރާއެއްގައި އިސްރާއީލު ބައިވެރިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 ޚާން ވިދާޅުވީ، މިފަދަ ފިއްތުންތަކާ އެކުވެސް، އީރާނުން މިވަގުތަށް "މެދުވެރިއެއްގެ ދައުރު ގަބޫލުކޮށް، މި މަރުހަލާ ކުރިއަށް ގެންދިއުމަށް ޕާކިސްތާނާއި ތުރުކީއަށް އިތުބާރު ކޮށްފައިވާ" ކަމަށެވެ.

ނަމަވެސް، ޑިޕްލޮމަސީ ނުވަތަ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެ ނަމަ ކުރިމަތިވެދާނެ ނުރައްކާތަކުގެ އިންޒާރު އޭނާ ދެއްވިއެވެ. "އެންމެ ބޮޑު ހުރަހަކީ، ހުއްޓުމެއްނެތި އިސްރާއީލުން އީރާނަށާއި ލުބުނާނަށް ދެމުންދާ ހަމަލާތައް. އިސްރާއީލުން މިހާރު މަސައްކަތް ކުރަމުންދަނީ އިންތިހާއަށް ބާރުގަދަކޮށް. މިފަދަ މަސްރަހު ގޯސްވާ ފިޔަވަޅުތަކުގެ ސަބަބުން، ފެށިފައިވާ ނާޒުކު ޑިޕްލޮމެޓިކް މަރުހަލާ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް. އަދި މީގެ ސަބަބުން ދުނިޔެ ނިއުކްލިއާ ކާރިސާއެއްގެ ތެރެއަށް ވެއްޓިދާނެ. މިއީ ކޮންމެ ފަދަ އަގަކަށް ނަމަވެސް ހުއްޓުވަންޖެހޭނެ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ސައްޔިދު މިކަމަށް އެއްބަސްވަމުން ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުން ދޭ ޔަގީންކަންތަކަށް އީރާނުގެ "ޒީރޯ ޓްރަސްޓް" އޮތް ކަމަށެވެ. 

"ނަތީޖާ ކަނޑައަޅާނެ މުހިންމު ސުވާލަކީ، ދިގު މުއްދަތަކަށް ބަލާއިރު އެންމެ ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކުރަން ޖެހޭނީ ކޮން ބަޔަކަށްތޯއެވެ؟

އެމެރިކާ އާއި އިސްރާއީލަށް އަނިޔާ ދެވިދާނެ، އެކަމަކު އެމީހުންނަކަށް އެފަދަ އަނިޔާއެއް ތަހައްމަލެއް ނުކުރެވޭނެ. މިއީ 'އެސިމެޓްރިކަލް ވޯފެއާ' (އެއްވަރު ނޫން ބާރުތަކުގެ ދެމެދުގައި ކުރެވޭ ހަނގުރާމަ) ގެ ކްލާސިކް ފިލާވަޅެއް: ބަލިކަށި ފަރާތް މޮޅުވަނީ ބަލިނުވެ ހިފަހައްޓާލައިގެން"، އޭނާ ވިދާޅުވިއެވެ.

 ހައިރާން-ނިއާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އެއްބަސްވުމެއްގައިވެސް ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހުންނަންޖެހޭނެއެވެ. "އިތުބާރު އުފެއްދުމަށް އަޅާ ކޮންމެ ފިޔަވަޅެއްގައިވެސް، ފަނާކުރަނިވި އެއްވެސް އަމަލެއް ދެނެގަނެ ހުއްޓުވޭނެ ފަދަ 'އާލީ ވޯނިންގ' ނިޒާމުތައް ހިމަނަންޖެހޭނެ މި ފިޔަވަޅުތަކަކީ ކުރު މުއްދަތުގެ، އަނބުރާ ރުޖޫއަކުރެވޭނެ އަދި ދެފަރާތުން ހަމަހަމައަށް އަމަލުކުރާ ފިޔަވަޅުތަކަކަށް ވާންޖެހޭނެ. އެއީ ކުރިމަތިވެދާނެ އެއްވެސް ހުރަހަކުން ދާއިމީ ގެއްލުމެއް ނުލިބޭނެ ގޮތް ހެދުމަށްޓަކައި"، އޭނާ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450