ކުޅިވަރު
ދުވަސްވީ ކުޅުންތެރިންނަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިން ތަޖުރިބާ ހޯދުމަށް: އުރުބާނީ
ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ---
ފަރުދުން
30 މާރިޗު 2026، 10:06
30 މާރިޗު 2026، 10:06
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ބުރުގެ ގްރޫޕް ސްޓޭޖުގައި ދިވެހި ޤައުމީ ޓީމުން ކުޅޭ އެންމެ ފަހު މެޗުގެ ސްކޮޑުގައި ދުވަސްވީ ކުޅުންތެރިން ހިމެނީ ޒުވާން ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ފަރާތުން އެހީތެރިކަން ހޯދައިދޭންކަމަށް، ޤައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި މާދަމާ ޓިމޯ ލެސްޓޭއާ ދެކޮޅަށް ޤައުމީ ޓީމު ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ، މިފަހަރު ފުރުސަތުދިން ދުވަސްވީ ކުޅުންތެރިންނަކީ އޭނާ ޤައުމީ ޓީމާއެކު ހޭދަކުރިއިރު އެ ޓީމަށް ކުޅުނު ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިނަށް ފައިދާކުރާނެ ކަމަށެވެ.
އަހަރެން ކުރިން ޓީމުގެ ކޯޗަކަށް ހުރި ދުވަސްވަރު ކުޅުނު ބައެއް ކުޅުންތެރިން މި ޓީމަށް ނެގީ، އަހަރެން ބޭނުންވީ އަހަރެންގެ ސްޓައިލާއި އަހަރެންގެ އެޕްރޯޗް، އެ ކުޅުންތެރިން ލައްވާ ޒުވާން ކުޅުންތެރިންނަށް ބުނެދޭން. އޭރުގެ ކުޅުންތެރިންނަށް އެނގޭނެ އަހަރެންނަކީ ކާކުކަން. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ކަންތައްތަކެއް ދަސްވާނެ މިކަމުގެ ސަބަބުން. އޭރުގެ ކުޅުންތެރިންގެ ފަރާތުން އެ ސަޕޯޓު އަސްލު އަހަރެން ބޭނުންވަނީ.
ކުރީގެ ބައެއް ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދިން ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުންޏެވެ.
މިފަހަރު ޤައުމީ ޓީމުން ފުރުސަތުދިން ދުވަސްވީ ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާޤު (ދަގަނޑޭ)، އަލީ އަމްދާން (އޭންޑީ) އަދި އަހްމަދު އަބްދުالله (ލިލީ) ހިމެނެއެވެ.
މި ޓީމުގެ އެވަރެޖު އުމުރަކީ 31 އަހަރުކަމަށް ކޯޗު ހާމަކޮށްފައި ވެއެވެ.
އަންގާރަ ދުވަހު އޮންނަ މި މެޗަށް ރާއްޖޭގެ ޓީމުން ނިކުންނައިރު، މި ގްރޫޕްގައި މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައި ނުވަނީ ރާއްޖެއަށް އެކަންޏެވެ.
ރާއްޖެ އާއި ޓީމޯ ލެސްޓޭ އޮސްޓްރޭލިއާގައި ކުޅުނު މެޗު 1-0އިން ކާމިޔާބުކުރީ ޓީމޯ ލެސްޓޭއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތަޖިކިސްތާން އާއި ފިލިޕީންސްއެވެ.