ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1190 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 0 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
31 މާރިޗު 2026، 08:30
31 މާރިޗު 2026، 08:30
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ހޯމަ ދުވަހުގެރޭ ފަށައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެ ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވާދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ބީ.ޔޫ.ސީޖީގެ އިސްވެރީންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި މިއަދަދަށް މިހާ އަވަސްމިނެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން އަގުހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާފައެއް ނުވާ ކަމަށާއި މީގެ ކުރިން މިފަދަ މަސައްކަތްތައް ނިންމުމަށް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއުގެ 2028 ގެ މެދުތެރޭގައި ނިންމޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިންގ ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ ކަމަށާއި ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމުގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.
ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ މިވަނީ 1,706 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާފައެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިންގ ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ މި ވަނީ އަޅާފައެވެ.
ބީއެމްއެލްގެ "އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.