ޚަބަރު
ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުކުރެވޭ ދެމީހަކު ތިންވަނަ ފަހަރަށް ހައްޔަރުކޮށްފި
ފުލުހުން ތިންވަނަ ފަހަރަށޤ ހައްޔަރުކުރި ފުވައްމުލަކު ދޫޑިގަން، އަހުމަދު ނިއުޝާދު (35އ) އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް (30އ)---
ފަރުދުން
31 މާރިޗު 2026، 10:36
31 މާރިޗު 2026، 10:36
ބޮޑު ނެޓްވޯކެއްގެ ތެރެއިން ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެމީހަކު ތިންވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.
އެއީ ފުވައްމުލަކު ދޫޑިގަން، އަހުމަދު ނިއުޝާދު، 35، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 30، އެވެ.
މި ދެ މީހުން ބަންދުގައި ތިއްބައި ދޫކޮށްލާފައި ވަނީ މިދިޔަ ހަފްތާގައި ކޯޓުންނެވެ. އޭގެ ފަހުން އެ ދެމީހުން ހޯމަ ދުބަހުގެރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބެލެވޭތީކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ.
މި ދެ މީހުން ފުރަތަމަ ހައްޔަރުކުރީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހު ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ދެ މީހުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްލާފައެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އައު ކޯޓު އަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށްފައި ވަނިކޮށް، އަނެއްކާވެސް އެމީހުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އެ ދެމީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައެވެ.
ޕީޖީ އޮފީހުން ކުރިން ނެރުނު ބަޔާނުގައި ބުނީ އާޒިމް އިސްވެ ހުރެ ނިއުޝާދުއާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ޤާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ހަރަކާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގުން އެނގޭ ކަމަށެވެ. އަދި "ޑީލަރުންނަށް" މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި އަދި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީސްމީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި، ބޭނުންކޮށްފައިވާތީ އެވެ.
ނިއުޝާދަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި އެކި މީހުންގެ އެކައުންޓުތަކުން ޖުލައި 2019 އިން ފެށިގެން އޮގަސްޓް 2024 އާ ދެމެދު އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭއިރު އެ ފައިސާ އާޒިމްގެ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީއެވެ.
އެހެންވެ، ޕީޖީން އެދިފައި ވަނީ 1.1 މިލިއަން ރުފިޔާ އާއި ހަތަރު ސައިކަލާއި ފަސް ކާރާއި ދެ ޕިކަޕާއި ކަނޑުގެ އުޅަނދަކާއި 29 ސަންކޮނުއާ ގުރާ އަދި ނުވަ ރިންގްނެކް ގުރާ ވެސް ދައުލަތަށް ނަގައި ދިނުމަށެވެ.