ޚަބަރު
މި އަހަރުގެ މިހާތަނަށް އެސްޑީއެފަށް 400 މިލިޔަން ރުފިޔާ ޖަމާކޮށްފި
އެސްޑީއެފްސީގެ އޮފީސް---
މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން، މިއަހަރުގެ 1 ޖަނަވަރީން ފެށިގެން 19 މާރިޗްގެ ނިޔަލަށް އެސްޑީއެފަށް ޖުމްލަ 425.1 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 391.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8.6 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް ރިޕޯޓުން ދައްކައެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016 ވަނަ އަހަރު އުފެއްދި މި ފަންޑަށް ފައިސާ ޖަމާކުރަނީ މައިގަނޑު ތިން ދިމާލަކުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ.
"ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށާއި، އެސްޑީއެފް މެދުވެރިކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ،" ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ފަންޑު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.