ދުނިޔެ

އަޤްޞާ މިސްކިތާއި ދީނީ މުޤައްދަސް ތަންތަނަށް އިޒްރޭލުން ހުރަސްއަޅާތީ އިސްލާމީ ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އަޤްޞާ މިސްކިތާއި ދީނީ މުޤައްދަސް ތަންތަނަށް އިޒްރޭލުން ހުރަސްއަޅާތީ އިސްލާމީ ޤައުމުތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އަޤްޞާ މިސްކިތް ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 މާރިޗު 2026، 12:51

31 މާރިޗު 2026، 12:51

ޤުދުސްގައި ހުންނަ މުޤައްދަސް ބިނާތަކާއި މިސްކިތްތަކަށް ވަނުމަށް އިޒްރޭލުން ހުރަސްއަޅަމުންދާ ދިއުން، އިސްލާމީ ގިނަ ޤައުމުތަކަކުން ގުޅިގެން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ބަޔާން ނެރުނު ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، މިޞްރު، އުރުދުން، ޔޫއޭއީ، އިންޑޮނޭޝިޔާ، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ޤަޠަރު ހިމެނެއެވެ. މި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، މަސްޖިދުލް އަޤްޞާ އާއި 'ޗާޗް އޮފް ދަ ހޮލީ ސެޕަލްކްރާ' އަށް ވަނުމަށް އިޒްރޭލުން އަޅާފައިވާ ހުރަސްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފު، އަދި އަޅުކަން ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އަމަލެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

އިޒްރޭލުން ހިފާފައިވާ އިރުމަތީ ޤުދުސްގެ ދީނީ ތަންތަނުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާމެދު މި ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެ ތަންތަނުގެ އިދާރީ ހިންގުމާއި ވަކިވަކި ދީންތަކާ ގުޅުންހުރި އަމިއްލަވަންތަކަން ބަދަލުކުރުމަށް އިޒްރޭލުން އެކަހެރިކޮށް ނިންމާ ނިންމުންތަކަށް ތާއީދު ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އަޤްޞާ މިސްކިތުގެ ދޮރުތައް ބަންދުކޮށް، މުސްލިމުންނަށް އަޅުކަން ކުރުމަށް ހުރަސްއެޅުމަކީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ސަރަޙައްދުގެ މަސްލަހަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ޚާރިޖީ ވަޒީރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަސްޖިދުލް އަޤްޞާގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ހަމައެކަނި ޤާނޫނީ ބާރު އޮތް ފަރާތަކީ އުރުދުންގެ އިސްލާމީ ވަޤުފު އިދާރާ ކަމަށް ބަޔާންކޮށް، އެ އިންތިޒާމަށް އިޙްތިރާމް ކުރުމަށް ވަނީ ގޮވާލާފައެވެ.

މި ބަޔާން ނިންމާލަމުން، އިޒްރޭލުގެ މިފަދަ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދުނިޔޭގެ ބާރުތަކުން ބައިނަލްއަޤްވާމީ ޤާނޫނުތައް ނަގަހައްޓައި، ޤުދުސްގައިވާ ދީނީ މުޤައްދަސް ތަންތަނުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450