ދުނިޔެ
އިރާނާއި އިސްރާއީލުގެ މަސްރަހު ގޯސްވަމުންދަނިކޮށް އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކުން އިރާނަށް ވަދެފި
ކުރްދިޝް ހަތިޔާރު އެޅު ޖަމާއަތުގެ މީހުން ފޮޓޯ: އިންޓަނެޓް
އިރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާ މިދަނޑިވަޅުގައި، އިރާގުގެ ހަތިޔާރު އެޅި ޖަމާއަތްތަކެއް އިރާނަށް ވަދެފައިވާތީ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ސަރަހައްދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރާނުގެ ތާއީދު އޮންނަ އިރާގުގެ "ހަޝްދު އައްޝައުބީ" ގްރޫޕުގެ މެންބަރުން އިރާނަށް ވަދެފައިވަނީ އިންސާނީ އެހީގެ ގާފިލާއެއްގެ ގޮތުގައެވެ. ނަމަވެސް، މިއީ ހަނގުރާމައިގެ ހާލަތުގައި އިރާގުން އިރާނަށް ދޭ އެއްބާރުލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އިރާގުގެ ބަޞަރާއިން ފުރައިގެން ދިޔަ މި ގާފިލާ އިރާނަށް ވަދެފައިވަނީ ހޫޒިސްތާން ޕްރޮވިންސްގެ ޝަލަމްޗާ ބޯޑަރު ހުރަސްކޮށްގެންނެވެ.
މި ގާފިލާގައި ގާތްގަނޑަކަށް 70 ޓަނުގެ ކާބޯތަކެއްޗާއި ބޭސް ހުރި ކަމަށް ރިޕޯޓްތައް ބުނާއިރު، ގާފިލާގައި ހިމެނޭ ޕިކަޕްތަކުގައި ތިބި ހަނގުރާމަވެރިން ވަނީ އިރާގުގެ ދިދައިގެ އިތުރުން ލުުބުނާނުގެ ހިޒްބުالله ޖަމާއަތުގެ ދިދަވެސް ހޫރުވާފައެވެ. ޝަލަމްޗާ ބޯޑަރަކީ 1980 ގެ އަހަރުތަކުގައި ކުރެވުނު އިރާން-އިރާގު ހަނގުރާމައިގެ ބޮޑު މައިދާނަކަށް ވުމުން، މި ސަރަހައްދުން ހަނގުރާމަވެރިން ވަނުމަކީ ތާރީޚީ ގޮތުންވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
މި ހަރަކާތްތަކާ ގުޅިގެން އިރާނުގެ އެތެރޭގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ބަސީޖް ފޯސްއިން ވަނީ އެކި ސިޓީތަކުގައި ޗެކްޕޮއިންޓްތައް ގާއިމުކޮށްފައެވެ. އަދި "ވަޠަން ދިފާއުކުރުން" ނަމުގައި ހިންގާ ކެމްޕޭނެއްގެ ދަށުން އުމުރުން 12 އަހަރުން މަތީގެ ކުދިން އަސްކަރިއްޔާއަށް ރެކްރޫޓްކުރަން ފަށާފައިވާތީ ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަނެއްކޮޅުން، އަރަބި މީޑިއާތަކުން ބުނާގޮތުގައި އެމެރިކާއިން ދަނީ އިރާނުގެ ދެކުނު އައްސޭރީގައިވާ މުހިންމު ރަށްތަކަށް އަމާޒުކޮށް އެއްގަމު މަގުން ހަމަލާދިނުމަށް ތައްޔާރުވަމުންނެވެ. ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ މި ރަށްތަކަކީ ދުނިޔޭގެ ހަކަތަ ސަޕްލައި ކުރުމުގައި ސްޓްރެޓީޖިކް ގޮތުން ވަރަށް މުހިންމު ތަންތަނެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިސްރާއީލުން އިރާގުގައި ތިބި ކުރުދީ ހަނގުރާމަވެރިން މެދުވެރިކޮށް އިރާނާ ދެކޮޅަށް އިތުރު ފްރަންޓެއް ހުޅުވަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އިރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ ކުރުދީ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިސްރާއީލާ ގުޅުންހުރި ތަންތަނަށް މިސައިލާއި ޑްރޯން ހަމަލާ ދީފައެވެ. އަދި ކުރުދީ ފައުޖުތައް އިރާނަށް ވަދެފިނަމަ، އެމީހުންގެ ހުރިހާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ.