ދުނިޔެ
ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ ގާނޫނެއް އިސްރާއީލުން ފާސްކޮށްފި
ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިިރިއުޅެމުންދާ ފޭލިގެތަކެއް
އިސްރާއީލުގެ ރައްޔިތުން މަރާލާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ހުއްދަދޭ ގާނޫނެއް އެ ގައުމުގެ ޕާލަމަންޓުން ހޯމަ ދުވަހު ފާސްކޮށްފިއެވެ. މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ މިއީ ތަފާތުކުރުންތަކެއް އެކުލެވޭ އަދި މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިސްރާއީލުގެ ކްނެސެޓުން މި ގާނޫނު ފާސްކޮށްފައިވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނުގައި ހިމެނޭ ހަރުކަށި ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ގާނޫނުގެ ދަށުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު މީހުން މަރާލާ ފަލަސްތީނު މީހުންނަށް ދޭންޖެހޭ އަދަބަކީ ދަންޖެއްސުން ކަމުގައި ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނުގައިވާ ގޮތުން އިސްރާއީލުގެ މަދަނީ ކޯޓުތަކުން އެ ގައުމުގެ ރައްޔިތުންނަށް މަރުގެ އަދަބު ނުވަތަ އުމުރަށް ޖަލަށްލުމުގެ އަދަބު ދިނުމުގެ އިޚްތިޔާރު އޮތް ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި ގާނޫނު ބައްޓަންކޮށްފައިވަނީ ހަމައެކަނި ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ކަމަށެވެ.
ގާނޫނީ ގޮންޖެހުންތަކާއި ފާޑުކިޔުންތައް
މި ގާނޫނު ފާސްކުރުމާ ގުޅިގެން 'އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން އިސްރާއީލް' އިން ވަނީ މި ގާނޫނު ބާތިލުކުރުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މިއީ "ގަސްދުގައި ތަފާތުކުރުންތައް ގެންގުޅުމަށް" ހަދާފައިވާ ގާނޫނެއް ކަމަށާއި، ހުޅަނގު އައްސޭރީގެ ފަލަސްތީނު މީހުންގެ މައްޗަށް މިފަދަ ގާނޫނެއް ހިންގުމުގެ ގާނޫނީ ބާރު އިސްރާއީލަށް ލިބިގެންނުވާ ކަމަށެވެ.
އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވީރު މި ގާނޫނަށް ތާއީދުކުރައްވަމުން ވިދާޅުވީ، މިއީ ހަމަލާތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އދ. އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި އިންސާފުވެރިކަމެއް ނެތް ނިންމުމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތާރީޚީ ފަސްމަންޒަރު
އިސްރާއީލުގެ ތާރީޚުގައި މަރުގެ އަދަބު ދީފައިވަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން އެ ގައުމުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1962 ވަނަ އަހަރު، ނާޒީ ކުށްވެރިއެއް ކަމަށްވާ އެޑޮލްފް އައިކްމަންގެ މައްޗަށެވެ. އާ ގާނޫނު ތަންފީޒުވާން ފަށާނީ 30 ދުވަހުގެ ތެރޭގައެވެ. މި ގާނޫނުގެ ދަށުން ހުކުމް ކުރާތާ 90 ދުވަހުގެ ތެރޭގައި އަދަބު ތަންފީޒު ކުރަންޖެހޭއިރު، މައާފު ދިނުމުގެ އެއްވެސް ފުރުސަތެއް މި ގާނޫނަކު ނެތެވެ.