ދުނިޔެ
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އދ. ގެ ކުރީގެ ޑިޕްލޮމެޓަކު ދެއްވައިފި
އދ. އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ މައި މަންދޫބު މުޙައްމަދު ސަފާ
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލްގައި ޚާއްސަ އިމްތިޔާޒުތަކެއް އޮންނަ ޕެޓްރިއޮޓިކް ވިޜަން (ޕީ.ވީ.އޭ) ގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނެވި ކުރީގެ މައި މަންދޫބު މުޙައްމަދު ސަފާ، އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އދ. އިން ތައްޔާރުވަމުންދާ ކަމުގެ ބިރުވެރި މަޢުލޫމާތެއް ހާމަކުރައްވައިފިއެވެ.
ސަފާ ވިދާޅުވީ މި ނުރައްކާތެރި ހަގީގަތް ދުނިޔެއަށް ހާމަކުރުމަށްޓަކައި އޭނާގެ ޑިޕްލޮމެޓިކް ކެރިއަރު ގުރުބާން ކުރައްވާފައިވާ ކަމަށެވެ.
ސަފާ ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ތެހެރާނަކީ ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިޓީއެކެވެ. ހަނގުރާމައަށް ތާއީދުކުރާ ފަރާތްތަކަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެ ސިޓީއަކީ ފަޅު ސަހަރާއެއް ނޫން ކަމަށާއި، އެއީ އާއިލާތަކާއި، ކުޑަކުދިންނާއި، އާންމު ރައްޔިތުން ދިރިއުޅޭ ތަނެއް ކަމަށެވެ. "ހަނގުރާމަ ބޭނުންވާ މީހުންނަކީ ބަލިމަޑުކަމެއްގައި ތިބި ބައެއް،" ސަފާ ވިދާޅުވިއެވެ.
މި ހަމަލާގެ ނުރައްކާތެރިކަން ސިފަކޮށްދެއްވަމުން ސަފާ ވިދާޅުވީ، މިއީ ވޮޝިންޓަން، ބާލިން، ޕެރިސް ނުވަތަ ލަންޑަން ފަދަ ސިޓީތަކަށް ނިއުކްލިއަރ ބޮން އެޅުން ފަދަ ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލެއްގެ ސަބަބުން އިންސާނީ އަދި ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އދ. ގެ ބައެއް އިސްވެރިން މަސައްކަތް ކުރައްވަނީ ޖަމިއްޔާގެ މަގްސަދުތަކަށްވުރެ ބޮޑަށް ބާރުގަދަ ލޮބީ ގްރޫޕްތަކުގެ މަސްލަހަތަށް ކަމަށް ސަފާ ތުހުމަތު ކުރެއްވިއެވެ. މި ސަބަބަށްޓަކައި، ނިއުކްލިއަރ ހަމަލާއެއް ދިނުމަށް ނިންމާ ނިންމުންތަކުގައި ބައިވެރިވުމަކީ އޭނާގެ ޟަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެ، އދ. ގެ ހުރިހާ ކޮމިޓީތަކަކުންނާއި މަގާމުތަކުން އޭނާ ވަނީ ވަކިވެވަޑައިގެންފައެވެ.
އާންމު ރައްޔިތުން މިކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލައްވަމުން ސަފާ ވިދާޅުވީ، "މިހާރުން މިހާރަށް ފިޔަވަޅު އަޅާ. މި މެސެޖު މުޅި ދުނިޔެއަށް ފަތުރާ. މަގުތަކަށް ނުކުމެ މުޒާހަރާކުރޭ. މިއީ އަހަރެމެންގެ އިންސާނިއްޔަތާއި މުސްތަގުބަލަށްޓަކައި ކުރަންޖެހޭ ކަމެއް. މިއީ ހަމައެކަނި ރައްޔިތުންނަށް ހުއްޓުވޭނެ ކަމެއް،" ކަމަށެވެ.
ޕެޓްރިއޮޓިކް ވިޜަން (ޕީ.ވީ.އޭ) އަކީ އދ. ގައި އިސް ދައުރެއް އަދާކުރާ ޖަމިއްޔާއަކަށްވާއިރު، އެ ޖަމިއްޔާގެ މައި މަންދޫބުގެ ފަރާތުން މިފަދަ މައުލޫމާތެއް ލީކުވުމަކީ ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމެކެވެ.