ޚަބަރު
އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ ސިމްޕޯސިއަމްއެއް ފަށައިފި
އިސްރަށްވެހިންގެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށް ޚާއްޞަ ސިމްޕޯސިއަމް ފޮޓޯ: ވުޒާރާ
އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ ސިމްޕޯސިއަމްއެއް މިއަދު ފަށައިފިއެވެ. ޞިއްޙީ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ސިމްޕޯސިއަމް މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސިމްޕޯސިއަމްގައި ކަމާގުޅުންހުރި އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވޭނެއެވެ. މީގެ ތެރޭގައި ތަފާތު ޖަމްޢިއްޔާތަކާއި، ޔޫއެން އެޖެންސީތަކާއި، ޞިއްޙީ ވުޒާރާއާއި، އިޖުތިމާޢީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ސިމްޕޯސިއަމްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަޙްމަދު އަޝްރަފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ރަނގަޅު ޞިއްޙަތެއްގައި ބޭތިއްބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ އަމާޒަކީ އުމުރުން ދުވަސްވާ މީހުން ރަނގަޅު ޞިއްޙަތެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުން. އެމީހުންނަށް ބޭނުންވާނެ ބޭސްފަރުވާއާއި، ދިމާވެދާނެ ކަންތައްތަކުން ރައްކާތެރިވުމާއި، ދުޅަހެޔޮ ކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހެޔޮހާލުގައި ތިބުމަށް ކުރެވިދާނެ ކަންތައްތައް ކުރުން، ޑރ. އަޝްރަފް
މީގެ އިތުރުން، މި ސިމްޕޯސިއަމްގެ ތެރެއިން ރާއްޖޭގެ މިހާރުގެ ހާލަތު ދެނެގަނެ، އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކަންކަން ފާހަގަކޮށް، އެ ކަންކަމަކީ ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭންގެ ބަޔަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާ ވިދާޅުވީ "އޭޖިން ޕޮޕިއުލޭޝަން" ނުވަތަ އުމުރުން ދުވަސްވާ އާބާދީއަށް ތައްޔާރުވުމަކީ ރާއްޖެއިން މިހާރު ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށާއި، ޚިދުމަތްތަކާއި ފެސިލިޓީތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ޕްރޮސެސް ފެންނަމުންދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވަނީ ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ "ޑިމެންޝިއާ އެކްޝަން ޕްލޭން" އިފްތިތާޙްކޮށްދެއްވާފައެވެ.
2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ދަނީ އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށެވެ. އެހެންކަމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ އިސްރަށްވެހިންނަށް ފޯރުކޮށްދޭ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތައް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.