ޚަބަރު
ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ބީއެމްއެލްއަށް ލިބޭ ކާމިޔާބެއް: ޝަރީފް
30 މާޗު 2026، ބީއެމްއެލްއިން ހުޅުމާލެ ފޭސް ދޭއްގައި ހަދާ 1،190 ފުލެޓުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފު ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް
ދިވެހި ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބޭ ކާމިޔާބެއް ކަމުގައި، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހޯމަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްގެ އެންމެ އިސް މަސްއޫލިއްޔަތަކީ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކޮށް ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށެވެ.
މަސައްކަތުގެ މި ބާރުމިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި، އަދި އަޅުގަނޑުމެންނަށްވެސް އުންމީދާއި އުފަލާއި ހިތްހަމަޖެހުން ގެނުވާނެކަމެއް. މީގެ އިތުރުން މި ބިޔަ މަޝްރޫއުގެ އަނެއް ކާމިޔާބީއަކަށްމިވަނީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި، އެކަށީގެންވާ އަދި އަތްފޯރާފަށުގައި ދިރިއުޅޭނެ ތަނެއް ހޯދައިދެވޭތީ.
ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޤައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ، ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.
މި ބޭންކަކީ ދިވެހިރާއްޖޭގެ ހުރިހާ ގޭބީސީތަކަށް ޚިދުމަތްދޭ ބޭންކަށްވާއިރު، މިފަދަ މަޝްރޫޢެއްގެ ސަބަބުން ރައްޔިތުންނަށް މާލީގޮތުން ވެސް އުފުލަންޖެހިފައިވާ ދަތިތަކަށް ޙައްލު ލިބުން، ވެގެންދާނީ، އެރައްޔިތުން، އާދެ، ބޭންކުގެ ކަސްޓަމަރުންނަށް ލިބޭ ތަނަވަސްކަމަކާއެކު، ބޭންކަށްވެސް އޭގެ މަންފާ ލިބިގެން ދާނެ ކަމަކަށް.
ޝަރީފް ވިދާޅުވިއެވެ.
ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1,706 ޔުނިޓެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިރޭ ބިންގާ އެޅުނު 1,190 ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބާކީ ހުރި 364 ޔުނިޓްގެ ބިންގާ މިރޭ އެޅިގެންދާނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.