ދުނިޔެ
އައިޕީއެލް ކަވަރުކުރަން އުޅުނު އިނގިރޭސި ބްރޯޑްކާސްޓް އިންޖިނިއަރަކު މުމްބާއީގެ ހޮޓަލެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ
ވިލިއަމް ލެންގްފޯޑް
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ކަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓް އިންޖިނިއަރަކު، މުމްބާއީގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ޓްރައިޑެންޓް ހޮޓަލުގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 76 އަހަރުގެ އިއަން ވިލިއަމް ލެންގްފޯޑް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އައިޕީއެލް މެޗުތަކުގެ ބްރޯޑްކާސްޓިންގ މަސައްކަތްތަކަށް މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޓްރައިޑެންޓް ހޮޓަލުގައި މަޑުކޮށްގެން ހުރި މީހެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ލެންގްފޯޑް އެންމެ ފަހުން ފެނިފައިވަނީ މާރިޗު 29 ވަނަ ދުވަހުގެ ރޭ މެޗު ނިންމުމަށްފަހު އޭނާ ދިރިއުޅޭ ކޮޓަރި ނަންބަރު 2715 އަށް ވަން ވަގުތުއެވެ. އޭގެ ފަހުން ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ހޮޓަލުގެ މުވައްޒަފުން އޭނާއަށް ފޯނުން ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ކޮޓަރި ބެލިއިރު އޭނާ އޮތީ މަރުވެފައެވެ.
ކުއްލި ގޮތަކަށް ލެންގްފޯޑް މަރުވުމާ ގުޅިގެން، އޭނާ މަރުވާން މެދުވެރިވި ސަބަބާ މެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އިއަން ވިލިއަމް ލެންގްފޯޑަކީ ބްރޯޑްކާސްޓިންގ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައި ތަޖުރިބާކާރު އިންޖިނިއަރެކެވެ.