ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅި ހިފަން ނޫޅޭތި، ބިމުއަޑީގައި ވަޅުލާނަން: އީރާން
އީރާނުގެ "ޚާތަމް އަލް-އަންބިޔާ" ސެންޓްރަލް ހެޑްކުއާޓާރސްގެ ތަރުޖަމާނު އިބްރާހީމް ޒުލްފިޤާރީ ފޮޓޯ: އިންޓަނެޓް
އީރާނުގެ "ޚާތަމް އަލް-އަންބިޔާ" ސެންޓްރަލް ހެޑްކުއާޓާރސްގެ ތަރުޖަމާނު ވިދާޅުވީ، ބޭރުގެ ބާރުތަކުން ހޮރްމޫޒް ކަނޑުއޮޅި ހިފުމަށް ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބުވާނެ ކަމަށާއި، އެފަދަ ބަޔަކު "އަބަދަށްޓަކައި އެތަނުގައި ވަޅުލެވޭނެ" ކަމަށެވެ.
އީރާނުގެ މީޑިއާތަކާ ވާހަކަދައްކަވަމުން އެ އޮފިޝަލު ވިދާޅުވީ، އެމެރިކާއާއި އިޒްރޭލުގެ ވެރިންނަށް ހެދިފައިވާ ގޯސް ހިސާބުތަކުގެ ސަބަބުން އީރާނުގެ ގައުމީ ބާރާއި ހަތިޔާރު އެޅި ފައުޖުތަކުގެ ވަރުގަދަކަން މިހާރު ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުގެ އިސްތިރާތީޖީ ރޭވުންތަކަކީ "ސްޓްރެޓީޖިކް ގޯހެއް" ކަމަށާއި، އޭގެ ނަތީޖާއަކީ ހަމައެކަނި ނާކާމިޔާބީއާއި ބަލިކަށިކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމެރިކާއާއި އިޒްރޭލުން ދަނީ ނަފްސާނީ ހަނގުރާމައާއި، ޒަމާނީ އަސްކަރީ ކުޅެދުންތައް ދައްކައިގެން އީރާނުގެ މައްޗަށް ގަދަވެގަންނަން މަސައްކަތް ކުރަމުންނެވެ. އަދި އާންމުންނާއި، ސައިންސްވެރިންނާއި، އަސްކަރީ މުވައްޒަފުންނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ އެ ގައުމުތަކުގެ ބަލިކަށިކަން ހާމަވާ ކަމެއް ކަމަށާއި، އެއީ ހުސް އިންޒާރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކަކީ ގައުމު ދިފާއުކޮށް، ކޮންމެ ހަމަލާއެއް ނާކާމިޔާބު ކޮށްލުމުގެ ފުރިހަމަ ގާބިލުކަން ލިބިގެންވާ ބައެއްކަން ފާހަގަކުރައްވަމުން އޭނާގެ ބަޔާން ނިންމަވާލެއްވީ "ނަސްރު ލިބުންވަނީ ހަމައެކަނި އެންމެ މަތިވެރި އިލާހުގެ ހަޟްރަތުން" ކަމަށް ވިދާޅުވަމުންނެވެ.